އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ވުލްވަރހެމްޕްޓަން ވޮންޑަރަރސްއާއި ނޭޝަނަލް ލީގު ނޯތަށް ނިސްބަތްވާ ޗޯލީ ބައްދަލުކުރިމެޗް ވުލްވްސް ކާމިޔާބުކޮށްފިއެވެ.
ޗޯލީގެ ވިކްޓަރީ ޕާކްގައި ކުޅުނު މިމެޗް ވުލްވްސް ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.
މިމެޗަށް ވުލްވްސް ނުކުމެފައިވަނީ ގިނަ ބަދަލުތަކަކާއެކުއެވެ. މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އަދި މިމެޗުން ވުލްވްސް މޮޅުވި ނަމަވެސް ޗޯލީވެސް ވަނީ ދޭތެރެ ދޭތެރެއިން ވުލްވްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މިމެޗްގައި ވުލްވްސްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ޖަހާދިނީ ވިޓީނިއާއެވެ. މިކާމިޔާބީއާއެކު ވުލްވްސް މިހާރުވަނީ މިމުބާރާތުގެ 5 ވަނަ ބުރަށް ދަތުރުކޮށްފައެވެ.
ފަސްވަނަ ބުރުގައި ވުލްވްސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް އާއި ސަދެމްޓަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޗޯލީގެ ކޯޗު ޖެމީ ވަރމިގްލިއޯ ބުނީ އޭނާގެ ޓީމުން މިމެޗްގައި ދެއްކި ކުޅުމަށް ތައުރީފް ހައްގުކަމަށެވެ.