ދުނިޔެ

ނިއުކްލިއަރ އެއްބަސްވުން "ޝަރުތުތަކާއެކު" ބަލައިގެންފި


އިރާނާއި ހުޅަނގުގެ ބާރުތަކުން އެއްބަސްވި
ނިއުކްލިއަރ އެއްބަސްވުން "ޝަރުތުތަކާއެކު" ބަލައިގަނެފައިވާ ކަމަށް އެގައުމުގެ
ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައި އިއުލާންކުރައްވައިފި އެވެ.



އިރާނުގެ ރައީސް ހަސަން ރޫހާނީއަށް ފޮނުއްވެވި
ސިޓީފުޅެއްގައި ޚާމަނައި ވިދާޅުވީ އިރާނާއި ހުޅަނގުގެ ބާރުތަކާއެކު އެކުލަވާލާފައިވާ
ނިއުކްލިއަރ އެއްބަސްވުން ބަލައިގަނެފައިވާ ކަމަށެވެ. ނަމަވެސް، އެއްބަސްވުން
ތަންފީޒުކުރުމުގެ މަސައްކަތް ފެށޭނީ އިރާނުން ނިއުކްލިއަރ ހަކަތަ އުފައްދާކަމަށް
ހުޅަނގުން ކުރި ތުހުމަތުތަކާއި މެދު ވަކި ގޮތެއް ނިންމުމުންކަމަށް އެ ސިޓީގައި
ބުނެފައިވެ އެވެ.



އިރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަމުންދާކަމަށް
ހުޅަނގުން ތުހުމަތުކުރަމުންދާއިރު، އިރާނުން ދަނީ މި ތުހުމަތުތައް
ދޮގުކުރަމުންނެވެ. އަދި، އ.ދ. އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ
(އައިއޭއީއޭ) އިން ހިންގުމަށް މަސައްކަތްކުރި ތަހުގީގުތަކަށް އިރާނުންވަނީ
ހުރަސްއަޅާފަ އެވެ.



އައިއޭއީއޭ އިން މިމަހުގެ ކުރީކޮޅު ވަނީ އިރާނުގެ
އަސްކަރީ ސައިޓްތަކުން ސާމްޕަލް ނަގާފަ އެވެ. އަދި، ޑިސެމްބަރ 2015 ގައި އެ
ޖަމާއަތުގެ ރިޕޯޓު ނެރެވޭނެކަމަށް ބެލެވެ އެވެ.