ޚަބަރު

ބޮޑެތި ބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ނޫން ހައްލެއް ނެތް

ވެކްސިނަކީ ބައްޔަކުން ސަލާމަތްވެ، ރައްކާތެރިވުމަށް ދޭ އެއްޗެކެވެ. އަދި އިންސާނުންގެ އިޖާދުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އީޖާދެކެވެ. ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ ފަސްޓް ޖެނެރޭޝަން، ސެކަންޑް ޖެނެރޭޝަން އަދި ތާޑް ޖެނެރޭޝަންގެ ވެކްސިނެވެ.

ޕޯލިއޯފަދަ ފަސްޓް ޖެނެރޭޝަންގެ ވެކްސިނަކީ ބަލިޖައްސާ ވައިރަސް ބޭނުންކޮށްގެން ތައްޔާރުކުރާ ވެކްސިނެކެވެ. އަދި ހެޕަޓައިޓިސް ބީއާއި ހޯއްގޮވާ ކެއްސުމާއި މިނިންޖައިޓިސްފަދަ ބަލިތަކަށް ހުންނަ ސެކަންޑް ޖެނެރޭޝަންގެ ވެކްސިނަކީ ވައިރަސްއަށް އިތުރު ބަދަލުތަކެއް ގެނެސްގެން އުފައްދާ ވެކްސިނެކެވެ. އަދި ތާޑް ޖެނެރޭޝަންގެ ވެކްސިނަކީ އެއްވެސް ވަރަކަށް ވައިރަސްގެ ބޭނުންނުކޮށް އުފައްދާ ވެކްސިންތަކެކެވެ. ކޯވިޑްއަށް ތާޑް ޖެނެރޭޝަންގެ ވެކްސިނެއް އުފައްދަން މަސައްކަތްކުރާއިރު، މިހާތަނަށް އިންސާނުންނަށް ތާޑް ޖެނެރޭޝަންގެ ވެކްސިނެއް ދީފައެއް ނުވެއެވެ. ނަމަވެސް މިއީ އަނެއް ދެ ބާވަތުގެ ވެކްސިނާ އަޅާބަލާއިރު މާ އަވަހަށް އުފެއްދޭނެ ވެކްސިނެއްކަމަށް ސައިންސްވެރިން ބުނެއެވެ.

ދުނިޔޭގައި ތަފާތު ބަލިތަކަށް ވެކްސިން ހޯދާފައި އެބަހުއްޓެވެ. އަދި ވެކްސިންތަކުގެ ނަތީޖާވެސް އެހާމެ ރަނގަޅެވެ. ޕޯލިއޯ، މީސިލްސް، މިނިންޖައިޓިސް، ސްމޯލް ޕޮކްސްފަދަ ބަލިތަކަށް ހޯދާފައިވާ ވެކްސިންގެ ކާމިޔާބުކަން ރާއްޖެއަށް އެކަނި ބަލާލުމުންވެސް ފެނިގެންދާނެއެވެ.

ބައެއްގެ ތެރޭގައި ބަލިމަޑުކަމެއް ފެތުރުން ކޮންޓްރޯލްކުރުމަށް "ހަރޑް އިމިއުނިޓީ" ނުވަތަ ބަލިތަކުން ރައްކާތެރިވެފައި ތިބި ގިނަ ބަޔަކު ތިބެންޖެހެއެވެ. ހަރޑް އިމިއުނިޓީ ނުވަތަ ބަޔަކު ބަލިމަޑުކަމަކުން ރައްކާތެރިކުރުމަށް އޮތް ގޮތަކީ ވެކްސިން ދިނުމެވެ. ގިނަ މީހުން އިމިއުންވާވަރަކަށް ވައިރަސް ފެތުރުން ހުއްޓި، ވައިރަސްގެ ބާރު ދެރަވެއެވެ. އެއީ ގިނަ މީހުން އިމިއުންވުމުގެ ސަބަބުން ވައިރަސް ފެތުރޭނެ ދޮރުތައް ބަންދުވުމުންނެވެ. އެހެންކަމުން ވެކްސިން ޖެހުމުން ރައްކާތެރިވަނީ ތިމާ އެކަންޏެއް ނޫނެވެ. ބައެއް ސަބަބުތަކާހުރެ ވެކްސިން ނުޖެހޭވަރުގެ ކުޑަކުދިންނާއި މުސްކުޅިންނާއި މުޖްތަމައުގައި އުޅޭ ދިފާއީ ނިޒާމް ބަލިކަށި މީހުންވެސް މީގެ ސަބަބުން ރައްކާތެރިކޮށްދެއެވެ.

ވެކްސިނެއްގެ އެންމެ މުހިއްމު މަސައްކަތަކީ ވައިރަސްއެއް ހަށިގަނޑުތެރެއަށް ވަނުމުން، އިންސާނާ ބަލިވުމުގެ ކުރިން ހަށިގަނޑުގެ ދިފާއީ ބާރުން އަމިއްލައަށް އެވައިރަސްއާ ދެކޮޅަށް މަސައްކަތްކޮށް ވައިރަސް ބަލިކޮށްލުމެވެ. އަދި ވައިރަސްއަކުން ޖައްސާ ބައްޔަކުން އިންސާނާގެ ހަށިގަނޑު ރައްކާތެރިކޮށްދީ، ދިފާއުކޮށްދިނުމެވެ. ނަމަވެސް ހުރިހާ ވެކްސިނަކީ 100 ޕަސަންޓް ޔަގީން އެއްޗެއް ނޫނެވެ. މާނައަކީ ވެކްސިން ދީފައި ތިބޭ އެންމެން ރައްކާތެރި ނުވެދާނެއޭއެވެ. ނަމަވެސް ބަލިމަޑުކަމެއް ނައްތާލަން، ވެކްސިނަށް 100 ޕަސަންޓެއް ބޭނުމެއްނުވާކަން ހެއްކާއެކު ސައިންސްވެރިން ވަނީ ދައްކާފައެވެ. މިސާލަކަށް ކަށިވިދުރު ނުވަތަ ސްމޯލް ޕޮކްސްއަކީ ގިނަ ބަޔަކު މަރުވި ބައްޔެކެވެ. އެބައްޔަށް ހޯދި ވެކްސިން މަސައްކަތްކުރަނީ 95 އިންސައްތަ މީހުންނަށެވެ. ނަމަވެސް ދުނިޔެއިން އެބަލި އެއްކޮށް ނައްތާލެވިއްޖެއެވެ. އަދި ހިމަބިހި ނުވަތަ މީސިލްސްއަކީ އަހަރެއްގެ ތެރޭގައި މިލިއަނަކަށްވުރެ ގިނަ މީހުން މަރުވެދިޔަ ބައްޔެކެވެ. މީސިލްސްއަށް އުފެއްދި ވެކްސިނަކީވެސް 100 ޕަސަންޓް މަސައްކަތްކުރާ އެއްޗަކަށްނުވާއިރު، މީސިލްސްއަށްއާ ދެކޮޅަށްވެސް ބޮޑު ކާމިޔާބެއް ހޯދިއްޖެއެވެ.

ދުނިޔޭގެ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑްއާ ދެކޮޅަށްވެސް ގިނަ ވެކްސިންތަކެއް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ އުފައްދާފައެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނެކާއިން ތައްޔާރުކުރި ވެކްސިންއެވެ. ރާއްޖެއިންވެސް ގެންނަން ނިންމާފައިވަނީ މި ވެކްސިންއެވެ. އަދި އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ރާއްޖެ ގެނައި "ކޮވިޝީލްޑް" ވެކްސިނަކީވެސް އޮކްސްފޯޑާއި އެކްސްޓްރާޒެނެކާއިން އުފެއްދި ވެކްސިނެވެ.

ރާއްޖެއަށް އެކްސްޓްރާޒެނެކާ ވެކްސިންގެ 7 ލައްކަ ޑޯޒް ގެނައުމަށް ނިންމާފައިވާއިރު، ރާއްޖެ ގެންނަ ވެކްސިންތަކަކީ ރައްކާތެރި، އަދި ޔަޤީންކަން ބޮޑު ވެކްސިނެއްކަމާއިމެދު ޝައްކެއް ނެތެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ފޯރުކޮށްދިނުންކަމަށްވާއިރު، އާބާދީއަށް އެއްކޮށް ހިލޭ ވެކްސިން ދިނުމަށް ނިންމި ޤައުމެއް ރާއްޖެ ނޫނީ ނެތެވެ. ކުރަންޖެހުނު ކޮންމެހެން ޚަރަދެއްކޮށްގެންވެސް ކޯވިޑުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެ، ވީވައުދު ފުއްދެނީއެވެ.