ވިޔަފާރި

4 މާކެޓެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެކްސްޕީޑިއާއާއެކު ކެމްޕެއިނެއް ފަށައިފި


ވިޒިޓް މޯލްޑިވްސްއިން އެކްސްޕީޑިއާއާއެކު ކެމްޕެއިނެއް ފަށައިފިއެވެ.

ހަތަރު މާކެޓެއްގައި ކުރިއަށްދާ މި ކެމްޕެއިންގައި ދިވެހިރާއްޖެ އަކީ ގުދުރަތީ ގޮތުން ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ ހިތްގައިމު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވިގެން ދާނެއެވެ.

ހަތަރު މަސްދުވަހަށް ކުރިއަށްދާ މި ކެމްޕެއިންގައި ރަޝިއާ، އިންޑިއާ، މެދުއިރުމަތި އަދި ޗައިނާގެ ފަތުރުވެރިންނަށްއަމާޒުކުރެވިގެން ރާއްޖެ އިޝްތިހާރު ކުރެވިގެންދާނެއެވެ. އެގޮތުން މި ކެމްޕެއިންގެ މައިގަނޑު މެސެޖުން ދިވެހިރާއްޖޭގެ ރަށްތައް ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮންނަކަމާއި އޭގެ ސަބަބުން ފަތުރުވެރިން ދިވެހިރާއްޖޭގައި ހޭދަކުރާ ޗުއްޓީއަކީ ހުރިހާ ގޮތަކުންވެސް އެންމެ ރައްކާތެރި އަދި ހިތްގައިމު ދަތުރަށް ވެގެންދާނެކަން އަންގައިދެވޭނެއެވެ.

އެކްސްޕީޑިއާއެކު ކުރިއަށްގެންދާ މި ކެމްޕެއިން 23 މިލިއަނެއްހާ މީހުންނަށް ފޯރާނެ ކަމަށް ލަފާކުރެވެއެވެ. ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރަން މަންޒިލްތައް ހޯދަމުން އަންނަ މީހުންނަށް އަމާޒުކުރެވިގެންދާ މި ކެމްޕެއިންގައި ދިވެހިރާއްޖެއަކީ ޗުއްޓީ ހޭދަކުރަން ހިތްގައިމު މަންޒިލެއް ކަމުގައި ހާމަކޮށްދޭނެއެވެ. މީގެއިތުރުން މި ކެމްޕެއިންގެ ތެރެއިން މިފަހުން ދިވެހިރާއްޖެއަށް ލިބިފައިވާ ކާމިޔާބީތަކުގެ ވާހަކަތައްވެސް ހިއްސާކުރެވޭނެއެވެ.

އެގޮތުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ މިދިޔަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑާއި ދިވެހިރާއްޖެއަކީ ރައްކާތެރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ކަނޑައަޅައި ވޯލްޑް ޓްރެވަލް އެންޑް ޓުއަރިޒަމް ކައުންސިލް، ޑަބްލިޔު.ޓީ.ޓީ.ސީން ދީފައިވާ ސޭފް ޓްރެވަލް ސްޓޭޕްމް އާއި މުޅި ދުނިޔޭގައިވެސް އަލަށް ލޯންޗްކުރެވުނު މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ އިތުރުން އެލައިޑް އިންބައުންޑް އިންޝުއަރެންސްގެ މައުލޫމާތު ހިމެނެއެވެ. އަދި ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުންނަ ހަރަކާތްތައްވެސް ފަތުރުވެރިން ޝައުގުވެރިކުރުވުމަށް ދައްކާލެވިގެންދާނެއެވެ.

އެކްސްޕީޑިއާ އަކީ ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރު ޕްލޭންކޮށް، ވެކޭޝަން ޕެކޭޖްއާއި ފްލައިޓް އަދި ހޮޓާ އަދި ކްރޫޒް ފަދަ ތަކެތި އޮންލައިންކޮށް ބުކްކުރުމުގެ ހުރިހާ ހިދުމަތެއް ދެމުން އަންނަ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޓްރެވަލް ބްރޭންޑެވެ.

2021 ވަނަ އަހަރު ވިޒިޓް މޯލްޑިވްސްއިން ފަށާފައިވަނީ މުޅިން އާ ސްޓްރެޓެޖީތަކަކާއެކު ކޯވިޑް-19ގެ ކުރިން ދިވެހިރާއްޖެ ފަތުރުވެރިން ޒިޔާރަތްކުރަމުން އައި ވަރަށް ފަތުރުވެރިން ގެނައުމުގެ އަމާޒުގައެވެ. އެގޮތުން މި އަހަރު ކުރިއަށް ގެންދިއުމަށް ގިނަ މާކެޓިން ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

މީގެތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޖޮއިންޓް ޕްރޮމޯޝަންތަކާއި، މުހިންމު ޓްރެވަލް ޓްރޭޑް ފެއާތަކާއި ރޯޑް ޝޯތަކުގައި ބައިވެރިވުމުގެ އިތުރުން މީޑިއާ، އިންފްލުއެންސަރުން އަދި ސެލެބްރިޓީން ގެނެސްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ފެމިލިއަރައިޒޭޝަން ޓްރިޕްތައް ހިމެނެއެވެ. މީގެއިތުރުން ވެސް ދިވެހިރާއްޖޭގެ ރީތި ނަން މީހުންގެ ހަނދާނުގައި ބެހެއްޓުމަށާއި ރާއްޖެ އަކީ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ޑިޖިޓަލް އަދި ސޯޝަލް މީޑިއާ އެކި ހަރަކާތްތަކާއި ވާޗުއަލް ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ.

މިދިޔަ އަހަރު ނިމުނުއިރު، ދިވެހިރާއްޖެއިން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ފަސްލައްކަ ފަތުރުވެރިން ޒިޔާރަތްކުރުމުގެ އަމާޒު ވާސިލްކޮށްފައެވެ. ރަޝިއާއަކީ މިހާރު ދިވެހިރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އެންމެ ބޮޑު މާކެޓެވެ. އަދި އިންޑިއާ އާއި މެދުއިރުމަތިން ދިވެހިރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވުމުންނެވެ. މީގެއިތުރުން ޗައިނާއަކީ ކޯވިޑް-19ގެ ކުރިން ދިވެހިރާއްޖެ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އައި ގައުމެވެ. ޗައިނާގެ ފަތުރުވެރިންނަށް އަދި ދިވެހިރާއްޖެ ޒިޔާރަތްނުކުރެވުނަސް، އެގައުމުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ މިހާރު ވެސް ހިންގަމުންނެވެ.