ކުޅިވަރު

ސްޕެނިޝް ލަލީގާގައި ވެލެންސިއާ އާއި އޮސަސޫނާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެ


ސްޕެނިޝް ލަލީގާގައި ވެލެންސިއާ އާއި އޮސަސޫނާ ބައްދަލުކުރިމެޗް އެއްވަރު ވެގެން ނިމިއްޖެއެވެ. ވެލެންސިއާގެ މަސްތެއްޔާ ސްޓެޑިއަމްގައި ކުޅުނު މިމެޗް އެއްވަރުވީ އެއްލަނޑު އެއްލަނޑުންނެވެ.
ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެފައިވަނީ ވެލެންސިއާއެވެ. ނަމަވެސް މިމެޗްގައި ގިނަ ހަމަލާ އުފައްދާފައިވަނީ އޮސަސޫނާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ޖަހާދިނީ އޮސަސޫނާގެ ޖޮނަތަން ކަޔޭރީއެވެ. އަދި މިމެޗްގައި ވެލެންސިއާއިން ޖެހި ހަމަ އެކަނި ލަނޑަކީ އޮސަސޫނާގެ އުނައި ގާސިއާ އަތުން މެޗުގެ 69 ވަނަ މިނެޓްގައި ވަން ގޯލެކެވެ.
މިމެޗް އެއްވަރުވުމުން ވެލެންސިއާ އުޅެނީ ކުޅުނު 19 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ. އަދި އޮސަސޫނާ އުޅެނީ 19 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ. ތާވަލްގެ އެއްވަނައިގާ އުޅެނީ ކުޅުނު 17 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކު އެޓްލެޓިކޯ މެޑްރިޑެވެ. ދެވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބިފައިވަނީ 18 މެޗުން 37 ޕޮއިންޓެވެ.