ކުޅިވަރު

ސަރޖިއޯ އަގުއެރޯ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅޭ އާޖެންޓީނާގެ ތަޖްރިބާކާރު ފޯވަޑް ސަރޖިއޯ އަގުއެރޯ ކޮވިޑް 19 އަށް ޕޮސިޓިވްވެއްޖެއެވެ. އަގުއެރޯ މިކަން ކަށަވަރުކޮށްދީފައިވަނީ އޭނާ ކުރި ޓްވީޓަކުންނެވެ.

އޭނާގެ ކިބައިން ކޮރޯނާ ވައިރަހުގެ އަލާމަތްތައް ފެނުމާއި ގުޅިގެން މިކަމުން ރަގަޅުވުމަށް ޑޮކްޓަރުގެ އިރުޝާދަށް އަމަލު ކުރަމުންދާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. މިސީޒަންގައި މިހާތަނަށް ފަސް މެޗެއްގައި 141 މިނެޓް ކުޅެފައިވާ އަގުއެރޯ ކޮވިޑް ޖެހިފައިވާ މީހަކާ ސީދާ ކޮންޓެކްޓް ވެފައިވުމުގެ ސަބަބުން އޭނާ އަމިއްލައަށް ގޭގައި އެކަހެރި ވެގެން ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިގޮތުން ސިޓީ އެންމެފަހުން ކުޅުނު ތިން މެޗްގައިވެސް އޭނާއަށް މިކަމުގެ ސަބަބުން ބައިވެރިވެވޭގޮތްވަނީ ނުވެފައެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަންގެ ފަހު ބަޔާއި މިސީޒަންގެ ކުރީ ކޮޅު ކުޅުމާއި ދުރުގައި ހުރި އަގުއެރޯއަކީ ސިޓީގެ ތާރީހްގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

2011 ވަނަ އަހަރުން ފެށިގެން ސިޓީގައި މުހިންމު ދައުރެއް އަދާކުރަމުންދާ އަގުއެރޯ ނެތްތަން ސިޓީގެ ފޯވަޑް ލައިނުން ވަރަށް ބޮޑަށް ފެންނަމުންދެއެވެ. މިގޮތުން މިސީޒަންގައި ސިޓީގެ ފަރާތުން އެޓީމުން އާންމުކޮށް ޖަހާވަރަށް ލަނޑު ޖެހެމުން ނުދާކަން ފާހަގަކޮށްލެއެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި އޭނާގެ ޓީމަށް އަގުއެރޯ ވަރަށް މުހިންމު ކަމަށާއި ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެޓީމްގެ އެންމެ މުހިންމު ފޯވަޑާއި ނުލާ ކުޅެން ޖެހިފައިވާކަމަށެވެ.

އަގުއެރޯއަށް ކޮވިޑް 19 ޖެހުމާއި ގުޅިގެން ކުޅުމާއި ދުރުގައި ހުންނަން ޖެހޭނީ ކިހާދުވަހެއް ވަންދެން ކަމެއް ޔަގީން ނުވި ނަމަވެސް ކުރިއަށް އޮތް ދެތިން މެޗްގައި އޭނާ ފެނުން ދުރުކަމުގައި ބެލެވެއެވެ.