ޚަބަރު

ޓްރަންޕު ސަރުކާރުގެ 28 އޮފިޝަލަކާއި ދެކޮޅަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ދައުރުގައި ސަރުކާރަށް ޚިދުމަތްކުރެއްވި 28 ފަރާތަކާއި ދެކޮޅަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ހިމެނިވަޑައިގަންނަވައެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ރަސްމީ ފަރާތްތަކުގެ ތެރެއިން ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ، ޗައިނާގެ މަސްލަޙަތު ގެއްލޭފަދަ ގޮތަކަށް އަމަލުކޮށް، އެ ޤައުމުގެ ރައްޔިތުންނަށް ބޭއިޚްތިރާމްކޮށް، ޗައިނާއާއި އެމެރިކާއާއި ދެމެދު އޮތް ޚާރިޖީ ގުޅުން ގޯސްކުރުމުގައި ބައިވެރިވެފައިވާ އެމެރިކާގެ ކުރީގެ ސަރުކާރުގެ ފަރާތްތަކާއި ދެކޮޅަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާކަމަށެވެ.

ޚާރިޖީ ވަޒީރުގެ މަޤާމުގައި ޕޮންޕެއޯ ހުންނެވިއިރު އެމަނިކުފާނުވަނީ ވީގަރ މުސްލިމުންނާއި ދެކޮޅަށް ޗައިނާއިން އިންސާނިއްޔަތާއި ޚިލާފަށް ވަރަށް އަނިޔާވެރިކޮށް ޢަމަލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އިންސާނިއްޔަތާއި ޚިލާފު ޢަމަލުތައް ޝިންޖިއާން ޕްރޮވިންސުގައި ކުރަމުންދާކަމަށް ޗައިނާއާއި ދެކޮޅަށް ކުރާ ތުޙުމަތުތައް އެ ޤައުމުން ދޮގުކުރެއެވެ. ނަމަވެސް އދންވަނީ އެ ޕްރޮވިންސުގައި ހުންނަ ކޭމްޕުތަކުގައި ބަންދުކޮށްފައިވާ މިލިއަނެއްހާ މުސްލިމުންނާއިމެދު ޗައިނާގެ ސަރުކާރުން ޢަމަލުކުރަމުންދަނީ އިންސާނީ ހައްޤުތަކާއި ޚިލާފަށްކަމުގެ ގިނަ ހެކިތަކެއް އެއްކޮށްފައެވެ.

ނަމަވެސް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހުއާ ޝުންޔިންގ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ޕޮންޕެއޯވަނީ ގިނަ އިތުރުފުޅުތަކެއް ހައްދަވާފައިވާކަމަށާއި، ޝިންޖިއާން ޕްރޮވިންސުގައި ދިރިއުޅޭ ވީގަރ މުސްލިމުންނާއި ގުޅޭގޮތުންވެސް ޕޮންޕެއޯ ހައްދަވަނީ އިތުރުފުޅެއްކަމަށެވެ. ޕޮންޕެއޯގެ ވާހަކަތަކުގެ ސަބަބުން އެހެން މީހުންގެ ކުރިމަތީގައި އޭނާގެ އަގުވެއްޓިފައިވާކަމަށާއި އެމަނިކުފާނު ދައްކަވާ ވާހަކަ ޤަބޫލުކުރާ ފަރާތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާއިން އެޅީ ކޮން ފިޔަވަޅުތަކެއް؟

އެމެރިކާގެ ނިމިދިޔަ ސަރުކާރުގެ 28 އޮފިޝަލުންނާއި ދެކޮޅަށް ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެ ފަރާތްތަކާއި އެމީހުންގެ ޢާއިލާއަށް ޗައިނާއަށް އެތެރެއެއް ނުވެވޭނެއެވެ. އޭގެ އިތުރުން ޗައިނާގެ އެއްވެސް ކުންފުންޏަކާއިއެކު ވިޔަފާރި އެއްވެސް ނުކުރެވޭނެއެވެ.

ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އޮފިޝަލުންގެ ތެރޭގައި ނިމިދިޔަ ދައުރުގެ ޓްރޭޑް ޗީފް، ޕީޓަރ ނަވަރޯ، ކުރީގެ ޤައުމީ ސަލާމަތާއިބެހޭ ދެ މުޝީރުންކަމަށްވާ ރޮބާޓް އޯބްރިއަން އަދި ޖޯން ބޮލްޓޮން، ކުރީގެ ޞިއްޙަތާއިބެހޭ ވަޒީރު އެލެކްސް އަޒާރު، އދއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ކެލީ ކުރާފްޓު އަދި ރައީސް ޓްރަންޕުގެ އަރިސް ބޭފުޅެއްކަމަށްވާ ސްޓީވް ބެނޮން ހިމެނެއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ އެމެރިކާގެ އައު ސަރުކާރުން ޗައިނާއާއިއެކު މަސައްކަތްކުރާނެކަމަށް އުންމީދުކުރާކަމަށާއި ދެ ޤައުމުގެ ދެމެދުގައިވާ ތަފާތުތައް އެއްފަރާތްކޮށް ދެ ފަރާތަށްވެސް ފައިދާކުރާނެ ގޮތަކަށް ޢަމަލުކުރާނެކަމަށް އުންމީދުކުރާކަމަށެވެ. އަދި ޝިންޖިއާން ޕްރޮވިންސުގެ މައްސަލައާއި އެހެނިހެން މައްސަލަތަކާއިމެދު ހިކުމަތްތެރި ނަޒަރަކުން އައު ސަރުކާރުން ޢަމަލުކުރާނެކަމަށް އުންމީދުކުރާކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

ނަމަވެސް އައު ރައީސް ޖޯ ބައިޑަންގެ ޤައުމީ ސަލާމަތާއިބެހޭ ކައުންސިލުގެ ތަރުޖަމާނުވަނީ ޗައިނާއިން އިޢުލާނުކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އަމިއްލަ މަސްލަހަތު އިސްކޮށް އަޅާފައިވާ ހެޔޮ ނަތީޖާއެއް ނުނެރެވޭފަދަ ފިޔަވަޅުތަކެއްކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ބައިޑަންގެ ޚާރިޖީ ވަޒީރުގެ މަޤާމަށް އައްޔަނުކުރައްވާފައިވާ އެންތޮނީ ބްލިންކެންވެސްވަނީ ވީގަރ މުސްލިމުންނާއިގުޅޭ ގޮތުން ޕޮންޕެއޯ ވިދާޅުވި ވާހަކަތަކަށް ތާޢީދުކުރައްވާފައެވެ. ބައިޑަންވެސްވަނީ އެ މައްސަލައިގައި އެމަނިކުފާނުގެ ސަރުކާރުންވެސް ޢަމަލުކުރައްވާނީ ކުރީގެ ސަރުކާރާއި އެއްގޮތް ގޮތަކަށްކަމަށް އިޝާރާތްކުރައްވާފައެވެ.

ރައީސް ޓްރަންޕުގެ ދައުރުގެ ކުރިންވެސް އެމެރިކާގެ ސަރުކާރުންވަނީ ޗައިނާއިން ހޮންކޮންގާއި ޓައިވާނުގައި އިންސާނީ ހައްޤުތަކާއި ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބުނެ އެ ޤައުމާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. ނަމަވެސް ރައީސް ޓްރަންޕުގެ ވެރިކަމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންވަނީ އިތުރަށް ގޯސްވެފައެވެ.