ޚަބަރު

ލީޑަރޝިޕްގެ ނިންމުންތައް ތަންފީޒުކޮށް ޙަޤީޤަތަކަށް ހަދައިދޭ ބަޔަކީ އެންލިސްޓެޑް ސިފައިން – ޑިފެންސް މިނިސްޓަރ




ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ މަތީ ފަންތިން ނިންމަވާ ހުރިހާ ނިންމުންތަކެއް ތަންފީޒުކޮށް ޙަޤީޤަތަކަށް ހަދައިދޭ ބަޔަކީ އެންލިސްޓެޑް ކޯރގައި ހަރަކާތްތެރިވާ ހީވާގި އަދި މުރާލި ސިފައިން ކަމުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.


ބަންޑާރަކޮށީގައި ބޭއްވި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، އެންލިސްޓެޑް ސިފައިންނަކީ، ދިމާވާ ކޮންމެ ކަމެއްގައި ޢަމަލީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުން ކަމަށާއި، މިގޮތުން، ރަށެއްގައި ފެންބޮޑު ވިޔަސް، ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި ވެސް، އަދި އަލިފާނުގެ ހާދިސާއެއް ދިމާވި ކަމުގައި ވިޔަސް އޮފިސަރުންނާއެކު އެންމެ މުހިންމު މަސައްކަތްތަކެއް ކުރާ ބަޔަކީ އެންލިސްޓެޑް ސިފައިން ކަމުގައެވެ.


ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި، ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް އަދި ސިފައިންގެ ވެލްފެއަރ ކަންކަން ރަނގަޅުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާ ބެހޭގޮތުން އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ކޮންމެ ފަހަރެއްގައި ވެސް ސިފައިންގެ އިޙުސާސްތަކެއް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ގެންދަވައިފިނަމަ، އެކަމަކާ ދޭތެރޭ ވިސްނައިވަޑައިގެން ވީހާވެސް ރަނގަޅަކަށް ސިފައިންގެ ކަންކަން ހަމަޖައްސަވައިދެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ، ސިފައިންގެ ވެލްފެއަރ ކަންކަމާއި، އެހެނިހެން ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުންދާ ކަމަށެވެ.


އެކަމަނާ ވިދާޅުވީ، ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ 300 ފުލެޓްގެ ހިޔާ މަޝްރޫޢުގެ ފޯމްތައް ލިބި، ފޯމްތަކަށް ވަރަށް ޓްރާންސްޕޭރަންޓް ގޮތުގައި މާކްސް ދެވި، އެ މާކްސްތައް ވެސް ފެންނާނެ ގޮތަށް ކޮމެޓީން ބައްލަވައި، ކަންކަން މަގުފަހިކޮށްދެއްވަމުންދާ ކަމަށެވެ. އަދި، ކޮވިޑް-19 އާ ގުޅިގެން ސިފައިންނަށް ލިބޭ އެލެވެންސާ ގުޅޭ ގޮތުން ލަފާދޭ މަޖިލީހުގައި މަޝްވަރާކުރެވިފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ، އެ އެލަވަންސް ސިފައިންނަށް ބޭނުންކުރުމުގައި ގެންގުޅޭނެ ވިސްނުންތަކެއް ލަފާދޭ މަޖިލީހުގެ އިރުޝާދާއި ލަފާގެމަތިން އެކަން އެންމެ ރަނގަޅު ގޮތެއްގައި ކުރެވޭނެ ގޮތަކަށް ނިންމަވާނެ ކަމުގައެވެ.

އަދި، ސިފައިންގެ ބޯހިޔާވަހިކަން ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން، ސިފައިން ޚިދުމަތުގައި ހޭދަކުރާ މުއްދަތުގައި ޢާއިލާތަކާ އެކު ދިރިއުޅެވޭނެ ކޮންޓޯންމަންޓް އެޅުމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަން ފާހަގަކުރައްވައި، އެކަމަނާ ވިދާޅުވީ، އިރާދަކުރެއްވިއްޔާ އަވަސް ފުރުޞަތެއްގައި އެ އުންމީދު ހާސިލްކުރެވޭނެ ކަމަށެވެ.