ސިޔާސީ

އީވައިސީގެ ކޯ-ޗެއަރގެމަޤާމަކީ ރަސްމީކޮށްއައްޔަންކުރާ މަޤާމެއްނޫން


އިކޮނޮމިކް ކައުންސިލްގެ ކޯ-ޗެއަރ ކަމަކީ ރަސްމީކޮށް އައްޔަންކޮށް ނުވަތަ ވަކިކުރައްވާ މަޤާމެއް ނޫން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ނެތް ޙާލަތެއްގައި ޗެއަރ ކުރައްވާ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާޙީމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިހެން ވިދާޅުވެފައިވަނީ ރޭ ކުރެއްވި ޓްވީޓްތަކެއްގައެވެ. އެހެންނަމަވެސް އޭނާ އެހެން ވިދާޅުވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

ތަރުޖަމާނުގެ ޓުވީޓްގައި ވިދާޅުވެފައިވަނީ، އިކޮނޮމިކް ކައުންސިލާއި ސޯޝަލް ކައުންސިލް، ވެސް ބަލަހައްޓަވަމުން ގެންދަވަނީ ސީދާ ރައީސުލްޖުމްޙޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކަމަށާއި މިދެކައުންސިލް އުފެއްދެވީ ކެބިނެޓްގެ މަސައްކަތްތަކަށް ލުއި ފަސޭހަ ކުރުމަށްޓަކައި ކަމަށެވެ. އަދި އިކޮނޮމިކް ކައުންސިލްގެ ކޯ-ޗެއަރ ކަމަކީ ރަސްމީކޮށް އައްޔަންކޮށް ނުވަތަ ވަކިކުރައްވާ މަަޤާމެއް ނޫން ކަމަށާއި އަދި އެއީ ރައީސް ނެތް ޙާލަތެއްގައި ޗެއަރ ކުރައްވާ ބޭފުޅެއް ކަމަށްވެސް ޓުވިޓާގައި ވިދާޅުވެފައިވެއެވެ.