ވިޔަފާރި

ޤާނޫނަށް ގެނައި ބަދަލާއެކު ހިތަދޫ ޕޯޓަށް ގެންނަ މުދާ އިތުރުވެއްޖެ

އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނައި ބަދަލާއެކު، ހިތަދޫ ޕޯޓަށް ގެންނަ މުދާ އިތުރުވެ، ކުންފުނީގެ އާމްދަނީ އިތުރުވެފައިވާކަމަށް ހިތަދޫ ޕޯޓު ލިމިޓެޑް، އެޗްޕީއެލްއިން ބުނެފިއެވެ.

ހިތަދޫ ޕޯޓު ލިމިޓެޑުން މައުލޫމާތުދޭ ގޮތުގައި، މިހާރުގެ އެވްރެޖަށް ބަލާއިރު، މަހެއްގެ މައްޗަށް 200 އާއި 250 ދެމެދު ކޮންޓެއިނަރ ބަނދަރަށް ގެނެވެއެވެ. މީގެއިތުރުން ޓުޓިކޮރިން ކާގޯ ފެރީގެ ދެވަނަ ބޯޓު އައިސްފައިވާއިރު، މިހާރު ކާގޯ ގެނެވޭ މިންވަރުވެސް އިތުރުވެފައިވާކަމަށް ބަނދަރުން މައުލޫމާތުދެއެވެ. މިއީ ޤާނޫނަށް ގެނެވުނު ބަދަލާއެކު ކަނޑައެޅޭ ވަކި މުދަލެއް ފިޔަވައި، ހުރިހާ މުދަލަކުންވެސް ޑިއުޓީ %50 މަޢާފު ކުރުމުން ފެންނަމުންދާ ބަދަލެއް ކަމަށް ޕޯޓުން ފާހަގަކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހިތަދޫ ޕޯޓު ލިމިޓެޑްގެ މެނޭޖަރ އިބްރާހީމް ރަޝީދު ވިދާޅުވީ، މިހާރު ޕޯޓަށް އެވްރެޖުކޮށް ކާގޯ އަދި އެހެނިހެން ކޮންޓެއިނަރު އަންނަމުންދާ ނިސްބަތަށް ބަލާއިރު، މިވަގުތު މެނޭޖުކުރެވުނު ނަމަވެސް އައްޑޫގައި ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތައް ފެށިގެންދާއިރު، ކުންފުނީގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރަން ޖެހޭނެކަމަށެވެ.

"އެވްރެޖު ގޮތެއްގައި މަހެއްގެ މައްޗަށް 200 އަށް ވުރެ ގިނަ ކޮންޓެއިނަ މިތަނަށް ވަދޭ. މިހާރު މިވަގުތަށް ބަލާއިރު އަޅުގަނޑުމެންގެ ހުރި ވެހިކަލްތަކާއި މެޝިނަރީސް ތަކުން މިވަގުތަށް މެނޭޖުކުރެވޭ. އެހެންނަމަވެސް މިވަރަކުން އަދި ނުފުދޭނެ. އިތުރަށް ގިނަ ބޯޓުތަށް އަންނަން އެބަހުރި. އައްޑޫގައި މިހާރު ހިންގަން ހުރި ގިނަ މަޝްރޫއުތަކަށް ބޭނުންވާ މުދާ މިތަނަށް އިތުރުވެގެން އަންނާނެ. " އިބްރާހިމް ވިދާޅުވިއެވެ.

އެމްޕީއެލްގެ ބެލުމުގެ ދަށުން ހިންގަމުންދާ ހިތަދޫ ޕޯޓު ލިމިޓެޑް، އެޗްޕީއެލްއިން ބުނީ، ބައެއް މޫސުން ތަކުގައި ބަނދަރުގައި ޙިދުމަތް ދިނުމުގެ ދަތިތައް އެބަހުރި ކަމަށާއި، ކުރިއަށް އޮތްތަނުގައި ބަނދަރުގެ ޑިވެލޮޕްމެންޓު ޕްރޮޖެކްޓް ނިމިގެންދާއިރު ކުންފުންޏަކީ ފައިދާވާނެ ކުންފުންޏަކަށް ހެދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިހާރު ޑިޒައިންކޮށް ނިމި، ޑިޒައިނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް ފައިނަލައިޒް ކުރެވިފައިވާ ކަމަށްވެސް ޕޯޓުން މައުލޫމާތުދެއެވެ. އަދި މިމަސައްކަތް ނިމޭއިރު މިކަންކަން އިސްލާހު ކުރެވިގެން މެނުވީ ދެކުނުގެ ސަރަހައްދީ ބަނދަރު އެންމެ ރަނގަޅަށް ހިނގައި ނުގަނެވޭނެކަމަށް އެޗްޕީއެލްއިން ވިދާޅުވެއެވެ.

ހިތަދޫ ޕޯޓު ލިމިޓެޑުން ވިދާޅުވީ، ކުންފުންޏަށް ލިބެމުންދާ އާމްދަނީއަށް ބަލާއިރު، މިހާރު 80 ވަރަކަށް މުވައްޒަފުން ތިބިއިރު، އޮޕަރޭޝަނަލް ކޯސްޓު ކުންފުންޏަށް ލިބޭ އެއްޗަކުން ފޫބައްދާލެވޭވަރުވާ ކަމަށެވެ.