ވިޔަފާރި

ހއ، ހދ އަދި ށ އަތޮޅުގައި ދަނޑުވެރިކަމުގެ ޙާއްޞަ ޕްރޮގްރާމެއް ފަށަނީ


ރާއްޖޭގެ އުތުރުގެ ތިން އަތޮޅެއްގައި ދަނޑުވެރިކަމުގެ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް އެގްރޯ ނެޓުން ނިންމައިފިއެވެ.

ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވަނީ ހއ. ހދ އަދި ށ އަތޮޅުގެ ރަށްރަށުގައެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯ ނެޓުން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެގްރިކަލްޗަރ މިނިސްޓްރީއާއި ގުޅިގެން ކަމަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެގްރޯ ނެޓްގެ މެނޭޖަރ ހަސަން އަފްސަލް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން އެއަތޮޅުތަކުގެ ރަށްރަށުގައި ކޮންޓްރެކްޓް ފާމިންގެ މަސައްކަތްތަކުގެ އިތުރުން ރިސަރޗުގެ މަސައްކަތްތައްވެސް ހިމެނޭނެކަމަށެވެ.

"ކޮންޓްރެކްޓު ފާމިންގެ މަސައްކަތްތައް ކަމަށްވާ، އެގްރޯ ނެޓުން ދަނޑުވެރިން ހައްދާ ތަކެތި ދާއިމީކޮށް އެ ގަންނާނެ، އަދި މީގެއިތުުރުން ރިސަރޗު މަސައްކަތްތައް ހިމެނޭނެ،" އަފްސަލް ވިދާޅުވިއެވެ.

އަފްސަލް ވިދާޅުވީ އަންނަ މަސްތެރޭ މި ޕްރޮގްރާމް ފެށިގެންދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ވީހާވެސް ގިން ދަނޑުވެރިން ބައިވެރިކުރުމަށް އެކުންފުނިން މަސައްކަތް ކުރާނެ ކަމަށްވެސް އަފްސަލް ވިދާޅުވިއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން މިހާރުވެސް ދަނީ "ކޮންޓްރެކްޓް ފާމިން"ގެ މަޝްރޫޢު ރާއްޖޭގެ އިތުރު 11 ރަށެއްގައި ފެށުމަށް ތައްޔާރުވަމުންނެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން މިހާރު ވަނީ މިރަށްތައް އިޢުލާންކޮށް، މިރަށްތަކުން މި މަޝްރޫޢުގައި ބައިވެރިވާން ބޭނުންވާ ދަނޑުވެރިންނަށް ފުރުސަތު ހުޅުވާލާފައެވެ. ކޮންޓްރެކްޓް ފާމިންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ފ.މަގޫދޫ، ށ. ގޮއިދޫ، ށ. ނަރުދޫ، ބ. މާޅޮސް، ރ. ވާދޫ، ރ. ފައިނު، ނ. މަނަދޫ، ގއ. ނިލަންދޫ. ގއ. ގެމަނަފުށި، ޏ.ފުވަށްމުލައް އަދި ސ. މީދޫއެވެ. މި ރަށްތަކުން މި މަޝްރޫޢުގައި ބައިވެރިވާން ބޭނުންވާ ދަނޑުވެރިން މިމަހުގެ 26ގެ ކުރިން ރެޖިސްޓްރީވާން ޖެހޭނެކަމަށް އެގްރޯ ނެޓުން ހާމަކުރެއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ.