ޚަބަރު

ބ.އޭދަފުށިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި


ބ.އޭދަފުށިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފިއެވެ. ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓް އާއްމު ކުރުމާއެކު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 24 ވާ އާދީއްތަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަކުވާ ހުށައެޅޭނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 13:00 އަށެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ޠޮލާލް ޢަބްދުއްރަޙްމާން ވިދާޅުވީ، ގޯތި ލިބޭކަމަށް މިވަގުތު ކަނޑައަޅާފައިވަނީ 631 ފަރާތެއްކަމަށެވެ. އޭދަފުށިން ދޫކުރުމަށް ނިންމާފައިވާ 158 ގޯޗައް އެދި 662 ފަރާތަކުން ފޯމް ހުށައަޅާފައިވާއިރު، މީގެ ތެރެއިން 31 ފަރާތެއްގެ ފޯމު ޝަރުތުހަމަނުވާކަމަށް ކޮމެޓީން ނިންމާފައިވާކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ކޮމެޓީން ވަރަށް ރަގަޅަށް ބަލަން ކަނޑައަޅާފައި ހުރި ކަންކަމަށްބެލުމަށްފަހު މި ލިސްޓް އާންމު މިކުރަނީ، ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައި މި އޮތް ފުރުޞަތުގައި ރައްޔިތުން ހުށައަޅާ ޝަކުވާތަކަށް ބަލާފައި ދާއިމީ ލިސްޓް އިއުލާންކުރާނީ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭދަފުށިން މިފަހަރު ދޫކުރާ 158 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހިއްކި ބިމުންނެވެ.