ޚަބަރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އާމިނަތު ޢަބްދުﷲ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމަށް ގދ. ތިނަދޫ، ގެލަ، އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރު އައްޔަން ކުރައްވައިފިއެވެ.

ވަޒީފާއާއިބެހޭ ޓްރެބިއުނަލްގެ ރައީސްގެ މަޤާމަށް އާމިނަތު އައްޔަން ކުރެއްވިއިރު، ނައިބް ރައީސްގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ އަލްއުސްތާޛު ޙަސަން އިބްރާހީމްއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް ޢައްޔަންކުރެއްވި އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރަކީ 2019 މާރިޗު 25 އިން ފެށިގެން އެ ޓްރައިބިއުނަލްގެ މެންބަރެކެވެ. އޭނާ އެމްޕްލޯއިމަންޓް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯސް ހާސިލުކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ ކިންގސްޓަން ޔުނިވަރސިޓީއިންނެވެ. އާމިނަތު ޢަބްދުﷲ ޒުހައިރު ވަނީ މީގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ ލީގަލް އޮފިސަރގެ މަޤާމާއި، ނެޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓަންޓްގެ މަޤާމުވެސް ފުރުއްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރެއްވި އަލްއުސްތާޛު ޙަސަން އިބްރާހީމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، 2020 މާރިޗު 16 އިން ފެށިގެން އެ އޭނާ އަކީ އެ ޓްރައިބިއުނަލްގެ މެންބަރެކެވެ. އަދި މީގެ ކުރިން އޭނާ ވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރގެ މަޤާމުވެސް ފުރުއްވާފައެވެ.