ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަމާބެހޭ މަޢުލޫމާތު ސްޕެއިންގެ ރަސްގެފާނާއި ޙިއްސާކުރައްވައިފި


ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ރާއްޖޭގެ ފަތުރުވެރިކަމާބެހޭ މަޢުލޫމާތު ސްޕެއިންގެ ރަސްގެފާނާއި ޙިއްސާކުރައްވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާބެހޭ މަޢުލޫމާތު ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް، ސްޕެއިންގެ ރަސްގެފާނާއި ޙިއްސާކުރެއްވީ ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ 113 ވަނަ އެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ވަފުދުތަކުގެ ވެރިންނާއި ސްޕެއިންގެ ރަސްގެފާނު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މެޑްރިޑްގެ ބާރޑޯ ޕެލެސްގައި ބޭއްވި މި ބައްދަލުވުމުގެ ބައިވެރިންނާއި މުޚާތަބުކޮށް ކިންގް ފިލިޕް ދެއްކެވި ވާހަކަފުޅުގައި އިންވެސްޓްމަންޓްތަކާއި ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ތިމާވެއްޓާއި އޮތް ގާތްގުޅުން ފާހަގަކުރައްވާ ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ސްޕެއިންގެ އެއްބާރުލުން ލިބޭނެކަން ސްޕެއިންގެ ރަސްގެފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތާއި ގުޅޭ މަޢުލޫމާތު މިނިސްޓަރ ޑރ. މައުސޫމު ރަސްގެފާނާއި ޙިއްސާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ސޫރަޖް ޕޮލޮލިކަޝްވިލި އާއި ސްޕެއިންގ ޓޫރިޒަމް މިނިސްޓަރ ރެއިސް މަރޯތޯވެސް ބައިވެރިވެވަޑައިގަތެވެ.

މިނިސްޓަރ މައުސޫމް ސްޕެއިންއަށް ކުރައްވާ ދަތުރުފުޅަކީ ޔޫއެންޑަބްލިއުޓީއޯގެ "ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ"ގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ޔޫއެންޑަބްލިއުޓީއޯ ކޮމިޝަން އޮފް ސައުތު އޭޝިއާގެ މިހާރުގެ ޗެއަރއަކީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ.

މި ބައްދަލުވުމުގެ މައިގަނޑު ތީމްއަކީ ދުނިޔޭގެ ފަތުރުވެރިކަމަށް ކޯވިޑް އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން ހައްލެއް ހޯދައި، ފަތުރުވެރިކަން އަލުން ފެށުމެވެ. އެގޮތުން މިހާރު ތައާރަފްކުރަމުންދާ ވެކްސިން އާބާދީގެ ބޮޑުބަޔަކަށް ބޭނުންކުރެވި ވެކްސިން ޖެހިކަމުގެ ސެޓްފިކެޓް ހިފައިގެން އެއްގައުމުން އަނެއްގައުމަށް ދަތުރުކުރެވޭނެ މަގުފަހިވުމަކީ ފަތުރުވެރިކަން އަލުން ފެށުމަށް ކޮންމެހެންވެސް ބޭނުންކަމެއްގެ ގޮތުގައި ބައްދަލުވުމުގައި ގިނަ މެންބަރުން ވަނީ ފާހަގަކޮށްފައެވެ.