ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ޙުކުމް މާދަމާ


މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް، އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ޙުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ. ކުރިން މިމައްސަލާގައި ޙުކުމްކުރުމަށް ތަޢާވަލުކޮށްފައި އޮތީ މިމަހުގެ 14ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެމައްސަލައިގެ ޙުކުމް އިއްވުން މާދަމާއަށް ތައާވަލުކޮށްފައިވަނީ މެންދުރުފަހު 14:15 އަށެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިންމި ޝަރީޢަތުގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވަނީ ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ހުރިކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރާ ކަންބޮޑުވުންތަކާއި ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް ހިންގާފައިވާ ކަމަށް ވިދާޅުވާ ކަންކަމާއެކު އެޙުކުމް ދަމަހައްޓަފިނަމަ ގޯސް ނަތީޖާތަކެއް ނުކުމެދާނެކަމަށް ވިދާޅުވެފައެވެ.

އަދި މިމައްސަލާގައި ބުނާ ގއ.ވޮޑަމުލާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ދޫކުރި ރަށެއްނޫންކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ. އަދި އެރަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގެ އެއްވެސް ވާހަކައެއް ރައީސް ޔާމީނާ ހަމައަށް ގެންދަންޖެހޭ ސަބަބެއް ނެތްކަމަށްވެސް ވަކީލުންގެ ޓީމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޑރ.މުޙައްމަދު ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން ވިޔަފާރި ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށްވާއިރު އެކައުންޓަށް ޖަމާވި ފައިސާ އެމަނިކުފާނު އިންވެސްޓްކޮށްފައިވާކަމަށް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބުތަކަށް ޚަރަދު ނުކުރެވޭގޮތަށް އިސްލާމިކް ބޭންކުގައި ފައިސާ އިންވެސްޓްކުރަންޖެހޭ ސަބަބެއްނެތްކަމަށް ވިދާޅުވެ ސިޔާސީ މަސައްކަތްތަކަށް ފައިސާ ލިބިވަޑައިގެންނެވިކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަށް ދައުލަތުން ވަނީ ރައްދުދެއްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސްއަހަރަށް ޖަލަށްލުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.