ޚަބަރު

އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރާއްޖެ ގެނެސްފި


އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރާއްޖެ ގެނެސްފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރާއްޖެ ގެނެސްފައިވަނީ މިއަދު މެންދުރުފަހު އިންޑިއަން އެއަރލައިންސްގެ ފްލައިޓެއްގައެވެ.

އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ގެނައި މިވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއްވާ ގޮތުގައި މިއަދު ރާއްޖެ ގެނައި ވެކްސިން، ރާއްޖޭގެ އާބާދީގެ 50 ހާސް މީހުންނަށް ޖެހޭނެއެވެ. ރާއްޖެއަށް ގެނައި ވެކްސިނުގެ 100000 ޑޯޒަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ޑޯޒްތަކެކެވެ.

ކޮވިޝީލްޑް ވެކްސިނަކީ ކޯވިޑުން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 62-90 އިންސައްތައަށް ހުންނަ އަދި އާންމު ވެކްސިންތައް ގެންގުޅޭ ފިނިހޫނު މިނުގައި ގެންގުޅެވޭ، އެއް ތަނުން އަނެއް ތަނަށް ރައްކާތެރިކަމާއެކު ގެންދިއުމަށް ފަސޭހަ ވެކްސިނެކެވެ. އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިނަކީ އިންޑިއާވެސް ހިމެނެހޭން ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އުފެއްދަން ހުއްދަދީފައިވާ، އަދި ބައެއް ޤައުމުތަކުގައި ޖަހަންވެސް ފަށާފައިވާ ވެކްސިނެކެވެ.

ޤައުމާ މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، މިއަދު މި ލިބުނު ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއްކަމަށެވެ. އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ގެނައި ވެކްސިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ ރާއްޖެގެ އިތުރުން އެހެނިހެން ޤައުމުތަކަށްވެސް އިންޑިއާއިން ވެކްސިން ފޮނުވާނެކަމަށް ހާމަކުރައްވާފައެވެ. އަދި އިންޑިއާއިން އެންމެ ފުރަތަމަ ވެކްސިން ފޮނުވި ޤައުމަކީ ރާއްޖެކަން ފާހަގަކޮށް، ސަފީރު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް އޮންނަކަންވެސް ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގައިވެސް ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާއިރު، ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ޚާއްސަ ޕޯޓަލެއް އެކުލަވާލާ، ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށް އެ ޕޯޓަލުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިމަހުގެ 18 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި ބޭނުންކުރާ ކޯވިޑް-19ގެ ވެކްސިނަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭނެ އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލާ ކަށަވަރުކުރެވޭނެ ވެކްސިންތަކެއްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެފައިވެއެވެ. އަދި އެ ވެކްސިނަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިވާ ވެކްސިންތަކަކަށްވެސް ވެގެންދާނެކަމަށް އެ ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.