ޤައުމު ބިނާކުރުމުގައި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއަކީ މުހިންމު ބައިވެރިއެއްކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ރަންމުތް މަދަހަ މުބާރާތުގެ ނަތީޖާ އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ރަންމުތް މަދަހަ މުބާރާތުގެ ނަތީޖާ އިއުލާނުކުރުމަށް ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ޕީއެސްއެމްއިން ކުރިއަށްގެންދާ މިފަދަ މުބާރާތްތަކަކީ ދަރިވަރުންގެ ހުނަރު ތަރައްޤީކުރުމަށް ލިބޭ ބޮޑު ފުރުސަތެއްކަމަށެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގެ އެކި އުމުރުފުރާތަކުގެ ކުދިންނަށް ހޯދައިދޭ މިފަދަ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭކަމަށެވެ.
"މިފަދަ މުބާރާތްތަކުން ހޯދައިދެވޭ ފުރުސަތުތަކާއެކީގަ އަޅުގަނޑު ޤަބޫލުކުރާގޮތުގަ މިއަދު ޕީއެސްއެމް ވެގެންމިދަނީ، ރާއްޖެ ތަރައްޤީކުރުމުގެ މުހިންމު ބައިވެރިއެއްގެ ގޮތުގަ. އެކަމަށްޓަކައި ޕީއެސްއެމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގަ އެކި އުމުރުފުރާގެ ކުދިންނަށް އެކި ގިންތީގެ ފަރާތްތަކަށް ހޯދައިދޭ ތަފާތު ފުރުސަތުތަކަށްޓަކައި ޕީއެސްއެމްއަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ޕީއެސްއެމްއިން ކުރިއަށްގެންދާ މިފަދަ މުބާރާތްތަކަކީ ޤައުމު ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.
މިއަހަރުގެ މި މުބާރާތުން، މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ޅ. ނައިފަރު ލޯޑްވިލްމާގެ. އިޙްތިސާމް އިބްރާހީމަށެވެ. މުޅި މުބާރާތުގެ ދެވަނައަށް ގޮސްފައިވަނީ، ފ.މަގޫދޫ ވީނަސްވިލާ އާމިނަތު ލައިސާ ހިލްމީއަށެވެ. އަދި މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ، ޒާހިލް އިބްރާހީމް ރަމީޒްއެވެ.