ކުޅިވަރު

ސަސްގެ ކޯޗްއަކަށް މޯހަން ހަމަޖައްސައިފި


މިފަހަރުގެ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ސުޕަރ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗަކަށް މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފިއެވެ.

އޭއެފްސީ ޕްރޯ ލައިސަންސްވެސް އޮންނަ ކޯޗް މުހައްމަދު ޝިޔާޒް ސަސްގެ ކޯޗްކަމާއި ހަވާލުވެފައިވަނީ ދާދިފަހުން ކުލަބް އީގަލްސްއާއިއެކު ވެފައިވައިވާ އެއްބަސްވުން އުވާލުމަށްފަހުއެވެ. އަދި ސަސްއިން މޯހަން ކޯޗަކަށް ހަމަޖައްސާފައިވަނި އިއްޔެގެ ވަގުތެއްގައި އެޓީމްގެ ކުރީގެ ކޯޗް އަހުމަދު ނާޝިދު (ނާދު)ގެ އެއްބަސްވުން އުވާލުމަށްފަހުއެވެ. މިދިޔަ ހޮނިހިރުދުވަހު ކުލަބް އީގަލްސްއާއެކު ވެފައިވާ އެއްވަސްވުން މޯހަން އުފާލާފައިވާއިރު، ސަސްއާއެކު މޯހަން ތިން އަހަރު މަޑުކުރުމަށްވަނީ ހަމަޖެހިފައެވެ.

ލީގްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޔުނައިޓަޑް ވިކްޓްރީ މެޗްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗް އަހުމަދު ނާޝިދުބުނީ ކޯޗްކަމުގެ މަގާމުން އިސްތިއުފާ ނުދޭނެކަމާއި ކުލަބުން ޖެހޭނީ ކޯޗްކަމުން ވަކި ކުރަންކަމަށެވެ. އަދި އެއްވެސް ބަޔަކަށް ފުޓްބޯޅައާއި އޭނާ ދުރު ނުކުރެވޭނެކަމަށްވެސް އަހުމަދު ނާޝިދު ބުންޏެވެ. ނާޝިދުއާއެއްކޮށް ސަސްއިން ވެފައިވާ އެއްބަސްވުން އުވާލުމާއެކު، އެޓީމްގެ ކޯޗަކަށް ދެން ހަމަޖައްސާނީ މޯހަންކަމަށްވަނީ ވަރަށް ބޮޑަށް އަޑުފެތުރިފައެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގް ތާވަލްގައި ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ސަސް މިވަގުތު އޮތީ، އެޓީމް ކުޅުނު 6 މެޗުން ހޯދި 7 ޕޮއިންޓްއާއެކުގައެވެ.

މޯހަންގެ ކޯޗްކަމުގެ ދަށުން ސަސް ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު ކުލަބް ވެލެންސިޔާއާއި ދެކޮޅަށެވެ.