ޚަބަރު

ދޫނި ރޯގާ އުޅޭ ޤައުމުތަކުން ދޫނި އެތެރެކުރުން ވަގުތީގޮތުން މަނާކޮށްފި


ދޫނި ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ދޫނި ރޯގާ އުޅޭ ޤައުމުތަކުން ދޫނި އެތެރެކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް. މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނީ ރާއްޖެއަށް މި ގައުމުތަކުން ދޫނި އެތެރެކުރުން މެދުކަނޑާލާފައިވަނީ ބަލި އުޅޭ ގައުމުތަކުން ރާއްޖެއަށް ދޫނި އެތެރެކުރުމަކީ މި ބަލި ރާއްޖެއަށް ބަލި އެތެރެވުމަށް އޮތް ފުރުސަތެއްކަމަށް ބެލެވޭތީކަމަށެވެ.

މިދިޔަ އަހަރު ނިމެންއައިއިރު ވިލާތުގެ ގައުމުތަކުގައިވެސް ވަނީ ދޫނި ރޯގާ ވަރަށް ހަލުއިކޮށް ފެތުރިފައެވެ. އަދި އެކަމާއި ގުޅިގެން އެ ގައުމުތަކުން ވަނީ ދަނޑުތަކުގައި ގެންގުޅޭ އެތައް މިލިއަން ދޫންޏެއް މަރާލާފައެވެ.

ދޫނި ރޯގާއަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. މިބަލީގެ ޖަރާސީމު، ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި ލޭގައި ހުރެއެވެ.