ކުޅިވަރު

ވެސްޓް ބްރޮމްއާ ވާދަކޮށް މެޗް ވެސްޓް ހޭމްއިން މެޗު ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ވެސްޓް ބްރޮމްވިޗް އެލްބިއަން ބައްދަލުކުރިމެޗް ވެސްޓް ހޭމް ކާމިޔާބުކޮށްފިއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އުފެއްދިފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ޖަހައިދިނީ ވެސްޓް ހޭމްގެ ޖެރޮޑް ބޮވެންއެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ ވެސްޓް ބްރޮމްއިންވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު މެޗްގެ 51 ވަނަ މިނެޓްގައި އެޓީމަށް ޖަހައިދިނީ މެތިއުސް ޕެރެއިރާއެވެ. މިމެޗުން ވެސްޓް ހޭމް މޮޅުވި ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖަހައިދިނީ މިކައިލް އެންޓޯނިއޯއެވެ. މިއީ މިސީޒަންގެ ބޮޑުބައި އަނިޔާގައި ހޭދަކުރި އެންޓޯނިއޯ އަނިޔާއިން އެނބުރި އައިސް ކުޅުނު ދެވަނަ މެޗްގައި އެޓީމަށް ކާމިޔާބުކޮށްފިން ދެވަނަ ލަނޑެވެ.

މިކާމިޔާބީއާއެކު ވެސްޓް ހޭމް މިހާރުވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައަށް ކުރިއަަށް ޖެހިލާފައެވެ. އަދި މިއީ ވެސްޓް ހޭމްގެ ތާރީހްގައި ސީޒަން ދެބައިވިއިރު އެންމެ ގިނަ ޕޮއިންޓް ހޯދުނު ފަހަރެވެ.

މެޗަށް ފަހު ވާހަކަ ދަށްކަމުން ވެސްޓް ހޭމްގެ ކޯޗު ޑެވިޑް މޮޔޭސް ހާމަކުރިގޮތުގައި މި ސީޒަންގައި އޭނާގެ ޓީމް ހޯދަމުންދާ ނަތީޖާތަކާއެކު ވެސްޓް ހޭމް ދެން އިން ލެވެލްއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އާންމުކޮށް ލީގުގެ މެދުފަންތީގެ ޓީމެއްގެ ގޮތުގައި ބެލިފައިވާ ވެސްޓް ހޭމް މިސީޒަންގައި ދައްކަމުންދާ ކުޅުމާއެކު ޔޫރަޕްގެ ޖާގައަކަށް ވާދަކުރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. ނަމަވެސް މޮޔޭސް ހާމަކުރިގޮތުގައި އޭނާ އެކަން އެހާ އަވަސް އަރުވާލައިގެން ކުރަން ނުވިސްނާނެ ކަމަށާއި އެކަން ކުރާނީ މަޑުމަޑުން ކަމަށެވެ.

މިމެޗުން ބަލިވުމުން ވެސްޓް ބްރޮމް އުޅެނީ ކުޅުނު 19 މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.