ކުޅިވަރު

ޑޯޓްމުންޑް ބަލިކޮށް ބުންޑަސްލީގާގެ ދެވަނައަށް ލެވަރކޫސަން


ޖަރުމަނު ބުންޑަސްލީގާގައި ބަޔަރ ލެވަކޫސެން އާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ ދެވަނައަށް ލެވަކޫސެން ކުރިއަށް ޖެހިލައިފިއެވެ. ލެވަކޫސެންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހަަަިދިނީ ލެވަކޫސެންގެ މޫސާ ޑިއާބީއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. މިމެޗްގައި ޑޯޓްމުންޑްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ޖަހާ އެޓީމަށް އެއްވަރު ކޮށްދިނީ ޖޫލިއަން ބްރާންޓްއެވެ. މިމެޗުން ލެވަކޫސެން މޮޅުވި ލަނޑު މެޗް ނިމެން 10 މިނެޓަށް ވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ ފްލޯރިއަން ވިޓްޒްއެވެ.

މިމެޗުން މޮޅުވާ ކޮންމެ ޓީމަކަށްވެސް ޕޮއިންޓް ތާވަލްގެ ދެވަނައަށް އެރުމުގެ ފުރުސަތު އޮތް މިމެޗްގައި ޑޯޓްމުންޑަށް މާއެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މިމެޗް ކާމިޔާބު ކުރުމުން ލެވަކޫސެންއަށް ޕޮއިންޓް ތާވަލްގެ ދެވަނަ ލިބެނީ ކުޅުނު 17 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކުއެވެ. އެއްވަނައިގާ އުޅޭ ބަޔޭން މިޔުނިކަށް 16 މެޗުން 36 ޕޮއިންޓް ލިބިފައިވެއެވެ. ޑޯޓްމުންޑް އުޅެނި 17 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.