ކުޅިވަރު

ޗެލްސީ ބަލިކޮށް ތާވަލްގެ އެއްވަނައަށް ލެސްޓަރ


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް ލެސްޓަރ ސިޓީ އަރައިފިއެވެ. ލެސްޓަރގެ ކިންގ ޕަވަރ ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ލެސްޓަރގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަމަވެސް އެއާ ހިލާފަށް މިސީޒަނަށް ބޮޑު ހޭދައެއް ކޮށްގެން އެކުލަވާވާފައިވާ ޗެލްސީގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މިމެޗްގައި ލެސްޓަރއިން އެޓީމްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗްގެ 6 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިލްފްރެޑް އެންޑީޑީއެވެ. އަދި އެޓީމްގެ ދެވަނަލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ޖަހައި ދިނީ ޖޭމްސް މެޑިސަންއެވެ. މިމެޗްގެ ދެވަނަ ހާފްގައި ޗެލްސީއިން އެޓީމްގެ ކުޅުން ރަގަޅު ކުރި ނަމަވެސް ލެސްޓަރގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ލެސްޓަރއަށް މިހާރުވަނީ ޕޮއިންޓް ތާވަލްގައި އެއް ޕޮއިންޓްގެ ލިޑެއް ލިބިފައެވެ. ނަމަވެސް އެއީ 19 މެޗް ކުޅެ ލިބިފައިވާ 38 ޕޮއިންޓާއެކުއެވެ. އަދި އެޓީމްވަނީ މިވަގުތު ދެވަނައިގައިވާ މެންޗެސްޓަރ ޔުނައިޓެޑަށްވުރެ އެއްމެޗް އިތުރަށް ކުޅެފައެވެ. އަދި މިރޭ ތާވަލްގެ ތިންވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި އެސްޓަންވިލާ ބައްދަލުކުރާ މެޗުން ސިޓީ މޮޅުވެއްޖެނަމަ ތާވަލްގެ އެއްވަނަ ސީޓީއަށް ލިބެނެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލެސްޓަރގެ ކޯޗު ބްރެންޑަން ރޮޖަރސް ހާމަކުރިގޮތުގައި އޭނާގެ ޓީމްގެ ފަރާތުން އަސްލު ޓީމް ރޫހު މިމެޗުގައި ފެނިގެން ގޮސްފިކަމަށެވެ. މިމެޗްގައި ކުޅުންތެރިން ދެއްކި ކުޅުމާއި މިފަދަ މެޗަކަށް ލޯހުޅުވިފައިވާ މިންވަރު ފެނުމުން ހިތްހަމަޖެހޭ ކަމަށެވެ.

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ހާމަކުރިގޮތުގައި އޭނާގެ ޓީމްގައި ކުޅެން ވާވަރަށް ރަގަޅަށް ނުކުޅޭ ބައެއް ކުޅުންތެރިން އެބަތިއްބެވެ. އަދި ބައިކޮޅަށް ވަން ދެ ލަނޑާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި ލެސްޓަރއަކީ ޗެލްސީއަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއް ކަމަށާއި ނަމަވެސް އެގޮތަށް ދެލަނޑު ވަނުމުން ދެން ވާދަކުރަން އުނދަގޫވާނެކަމަށްވެސް ލަމްޕާޑް ބުންޏެވެ.