ކުޅިވަރު

ކްރޮއޭޝިއާގެ ތަޖްރިބާކާރު ފޯވަޑް މަންޒުކިޗް މިލާނަށް


ކްރޮއޭޝިއާގެ ތަޖްރިބާކާރު ފޯވަޑް މާރިއޯ މަންޒުކިޗް އިޓާލިއަން ސެރީއާގެ ތާވަލްގެ އެއްވަނައިގާ އުޅޭ އޭސީ މިލާނަށް ސޮއިކޮށްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިލާންއިން މަންޒުކިޗް ސޮއި ކޮށްފައިވަނީ ސީޒަންގެ ބާކީއޮތް މުއްދަތަށެވެ. ނަމަވެސް އެއްބަސްވެފައިވަނީ އިތުރު އަހަރަކަށް އެއްބަސްވުން އިތުރު ކުރުމުގެ ފުރުސަތު ދެފަރާތަށްވެސް އޮންނަ ގޮތަށެވެ.

34 އަހަރުގެ ފޯވަޑް މިދިޔަ އަހަރުގެ ޖޫންމަހު ޤަތަރުގެ ކްލަބް އަލް ދުހާއީ އިން ވަކިވިފަހުން މިހާތަނަށް ހުރީ އެއްވެސް ޓީމަކާއި ނުގުޅިއެވެ. އެހެން ކަމުން މިލާނަށް މަންޒުކިޗް ސޮއިކޮށްފައިވަނީ ފްރީ ޓްރާންސްފަރއެއްގެ ދަށުންނެވެ. މަންޒުކިޗްވަނީ އިޓާލިއަން ސެރީއާގެ ޗެމްޕިއަން ޔުވެންޓާސްއަށް 2015 ވަނަ އަހަރުން 2019 ވަނަ އަހަރާދެމެދު ކުޅެފައެވެ. އަދި 2013 ވަނަ އަހަރު ބަޔާން މިޔުނިކާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައިވެއެވެ. މީގެއިތުރުން 2018 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕްގެ ފައިނަލްގައި ވާދަކުރި ކްރޮއޭޝިއާ ޤައުމީ ޓީމްގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ފައިނަލް މެޗްގައި ފަރަންސޭސިވިލާތް އަތުން ބަލިވި މެޗްގައި އޭނާ ލަނޑުވެސް ޖަހާފައިވެއެވެ.

މިލާންއާ މަންޒުކިޗް ސޮއި ކުރުމާއެކު އެކަމަށް މިލާންގެ ތަޖްރިބާކާރު ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗްވަނީ މަރުހަބާވެސް ކިޔާފައެވެ. މިލާންއިން މިސީޒަންގައި ހޯދަމުންދާ ކާމިޔާބީ ތަކުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރަމުންދާ އިބްރަހިމޮވިޗް ހާމަކުރިގޮތުގައި މަންޒުކިޗް ފަދަ ކުޅުންތެރިއެއް މިލާން އާ ގުޅުން ވެގެންދާނީ އެޓީމަށް ލިބޭ އިތުރު ފުރިހަމަ ކަމަކަށެވެ.

މަންޒުކިޗް ހާމަކުރިގޮތުގައި މިލާނަށް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި މިލާން ފަދަ ވަރުގަދަ ޓީމަކުން ޖާގަ ލިބޭތޯ ފިޓްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމަށެވެ.