ކުޅިވަރު

އޮކްލޮހޯމާ ސިޓީ ތަންޑަރ އާއި ވާދަކޮށް ނަގެޓްސް މެޗު ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އޮކްލޮހޯމާ ސިޓީ ތަންޑަރ އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރިމެޗް ނަގެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނަގެޓްސް ކާމިޔާބުކުރީ 119 ޕޮއިންޓް 101 ޕޮއިންޓުންނެވެ.

ފުރަތަމަ ކްއާޓަރގައި ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިގޮތުން ދެޓީމުން ވެސް ނިންމާލީ 31 ޕޮއިންޓުންނެވެ. ނަމަވެސް ދެވަނަ ކްއާޓަރގައި ޑެންވަރއިން ވަނީ އެޓީމްގެ ކުޅުން ރަގަޅުކޮށް މިމެޗްގައި ލީޑު ނަގާފައެވެ. މިމެޗްގައި ޑެންވަރ ނަގެޓްސްއަށް އެންމެ ރަގަޅު ކުޅުމެއް ދައްކަދިނީ 27 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނެގި ނިކޮލާ ޖޮކިޗްއެވެ. އަދި މޮންޓޭ މޮރިސްވަނީ އެޓީމަށް 15 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ތަންޑަރއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ލުގުއެންޒް ޑޯޓްއެވެ. އޭނާވަނީ 20 ޕޮއިންޓް އެޓީމަށް ހޯދާދީފައެވެ.

މިމުބާރާތުގައި ޔޫޓާ ޖޭޒް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް އެޓީމަށް ހޯދައިދިން ޑޮނޮވަން މިޝޭލްއެވެ. އަދި ޕެލިކަންސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް އެޓީމަށް ހޯދައިދިން ޒިއޯން ވިލިއަމްސަންއެވެ.