ރާއްޖެ އާއި ޗައިނާ އާއި ދެމެދު ޤާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރިމެންޓްގެ ރަސްމީ މަޝްވަރާތައް އަންނަ މަހު ފަހުކޮޅު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދް ވިދާޅުވެއްޖެއެވެ.ޗައިނާގެ ބެއިޖިންގައި ކުރިއަށް ދިޔަ އިންވެސްޓްމަންޓް ފޯރަމަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަރވިއު އެއްގައި މިނިސްޓަރ ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެމެދު ވުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ވީހާވެސް އަވަހަށް ޤާއިމްކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފެށުމަށްޓަކައި އެކަމާއި ގުޅޭ އެއްބަސްވުމެއްގައި މިދިޔަ މަސްތެރޭ ވަނީ ދެޤައުމުގެ ދެމެދު ސޮއިކޮށްފައެވެ.މިފަދަ އެއްބަސްވުމެއްގެ ސަބަބުން ރާއްޖެއަށް ކުރާނެ ފައިދާ ތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހި ވިޔަފާރިތަކަށް ޗައިނާގެ ބާޒާރުގައި ވިޔަފާރިކުރުމުގެ ފުރުޞަތު ފަހި ވެގެންދާނެ ކަމަށާއި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މުދަލުގެ ޢަދަދު އިތުރުވެގެންދާނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.