ޚަބަރު

ޤައުމީ އަރުޝިފަށް 9 އަހަރު، މިސްރާބު ޑިޖިޓަލައިޒް ނިޒާމަށް


ނިޒާމީގޮތުން ރާއްޖޭގައި އަރުޝީފުކުރުމުގެ މަސައްކަތް ފެށިތާ 80 އަހަރާ މިވަނީ ގާތްވެފައެވެ. ދަޢުލަތުގެ މަޢުލޫމާތު އެއްކޮށް ރައްކާކުރުމުގެ މަސައްކަރް ރާއްޖޭގައި ފެށީ 1942ވަނަ އަހަރުއެވެ.

ނަމަވެސް ޤާނޫނީ ވަކި ޝަހުސެއްގެ ގޮތުގައި "ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފް"ގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދާފައިވަނީ 19 ޖަނަވަރީ 2012ވަނަ އަހަރުއެވެ. މިއީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ. މިއަދަކީ ޤައުމީ އަރުޝީދުގެ ޚިދުމަތަށް 9 އަހަރު ފުރޭ ދުވަހެވެ.

އެކި ޒަމާންތަކުގައި މަޢުލޫމާތު އެއްކުރަމުން އައިސްފައިވުމާއެކު ޤައުމީ އަރުޝީފުގަ ރާއްޖޭގެ ތަރީޚާ ގުޅޭ މުހިންމު ލިޔެކިޔުންތައް އެބަހުއްޓެވެ. އެގޮތުން ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ މުހިންމު ނިންމުންތަކާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އައި ބަދަލުތަކާ، އެކި ދުވަސްވަރުގެ ރާއްޖޭގެ ގިނަ ވާހަކަތައް ޤައުމީ އަރުޝީފުގައި ލިޔެވަނީ ރައްކާތެރިކޮށްފައެވެ.

ޤައުމީ އަރުޝީފުގައި ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯތަކާއި، ޗާޓުތަކާއި ފުރޭފުތައް، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ނަމަވެސް މީގެ ގިނަ ލިޔެކިޔުންތައް ރައްކާކުރެވިފައި ހުރީ ކަރުދާހުގައެވެ.

"ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު" އުފެދުމުގެ އެންމެ ބޮޑު ބޭނުމަކީ އޭރުގެ ލިޔުންތަކާ ފޮޓޯތައް ދިގުމުއްދަތަށް ފެންނާނެހެން ރައްކާތެރިކުރުމެވެ. އަދި މިހާރު ޤައުމުގައި ހިންގަމުންދާ މުހިންމު ކަންކަމުގެ މަޢުލޫމާތު ރައްކާކުރުމެވެ. ވޭތުވެދިޔަ 9އަހަރު ޤައުމީ އަރުޝީފުންވަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އެގޮތުން ލިޔެކިޔުންތައް ސްކޭންކޮށް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ. މިއީ ލިޔުންތަކާ ފޮޓޯ ސްކޭންކޮށް، ކޮންޕިއުޓަރރައިޒްކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އަދި ޒަމާނީ ފައިލިންގ ސިސްޓަމެއްގެ އެހީގައި ލިޔެކިޔުން ބެލެހެއްޓުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަށް 9 އަހަރުފުރޭ އަހަރީ ދުވަހެވެ. އަހަރީ ދުވަހުގެ މުނާސަބަތުގައި ޤައުމީ އަރުޝީފުގެ ޢާންމު މަޢުލޫމާތު ހިމެނޭ ލުއިފޮތަކާއި، "365" މި ނަމުގައި ތައްޔާރުކޮށްފައިވާ ތާރީޚީ މަޢުލޫމާތު އެކުލެވޭ ލުއިފޮތެއް ވަނީ، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައެވެ.