ތަޢުލީމު

ނެވިގޭޝަން ސްމިއުލޭޓަރ ތަޢާރަފްކޮށް، ނެވިކަމުގެ ތަޢުލީމަށް ޒަމާނީ ކުރިއެރުންތަކެއް


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުން ހިންގާ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް، ސީއެމްއެސްއިން އެންމެ ފަހުގެ މެރިން ނެވިގޭޝަން ސްމިއުލޭޓަރ އިފްތިތާޙުކޮށްފިއެވެ.

މި ސްމިއުލޭޓަރތަކަކީ ނެވިކަމުގެ ޕްރެކްޓިކަލް ތަމްރީނުތައް ދިނުމަށް ބޭނުންކުރާ ވަޞީލަތެކެވެ.

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ސްމިއުލޭޓަރ ތައް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަންވެސް ބައިވެރިވެވަޑައިގަތެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ހެޑް އޮފް ސެންޓަރ ކެޕްޓަން މުޙައްމަދު ޒާހިރު ވިދާޅުވީ މީގެ ކުރިން ބޯޓު ފަހަރުތައް ބަނދަރުކުރުމުގެ ތަމްރީނުތައް ދެމުންދަނީ އުޅަނދު ބޭނުންކޮށްގެންކަމަށެވެ. ނަމަވެސް އަލަށް އިފްތިތާޙުކުރި ސްމިއުލޭޓަރތަކާއެކު ވަރޗުއަލް ނިޒާމެއްގެ ތެރެއިން ތަމްރީނު ދިނުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ޒާހިރު ވިދާޅުވިއެވެ.

"މިހާރު ކުރިޔަށްދާ ޕްރޮގްރާމުގައި ދަރިވަރުން ދަސްކުރަމުންދަނީ ހުރިހާ އާލާތްތަކެއް ބޭނުންކުރާނެގޮތް. ބޯޓުފަހަރު ބަނދަރަށް ވެއްދުމާއި ނެރުމާއި މި ކަންތައްތައް. އެހެން ނޫނިއްޔާ މި ބޭނުންކުރަންޖެހެނީ އަސްލު އުޅަނދެއް. މިހާރު ބޭނުންކުރަން މި ފަށަނީ ވަރޗުއަލް ނިޒާމަކަށްވިޔަސް، މީގެތެރެއިންވެސް ހަމަ ތަމްރީނުތައް ލިބިގެންދާނެ." ޒާހިރު ވިދާޅުވިއެވެ.

މެރިން ނެވިގޭޝަން ސްމިއުލޭޓަރތަކަކީ ނެވިކަމުގެ ދާއިރާއިން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުން އެސެސްކުރުމަށް ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާ އެންމެ ޒަމާނީ ވަޞީލަތެވެ.

ސީއެމްއެސްގެ ހެޑް އޮފް ސެންޓަރ މުޙައްމަދު ޒާހިރު ވިދާޅުވީ މީގެކުރިން އޮފިސަރ ލެވެލްގެ ތަމްރީން ފުރިހަމަ ކުރަމުންދާ ދަރިވަރުން އެއް އަހަރު ދުވަހުގެ ކޯހެއް ހެދުމުން ސެޓްފިކެޓް ލިބޭކަމަށެވެ. އެހެންނަމަވެސް މިހާރު ސީއެމްއެސްގެ ކޯސްތައް ޒަމާނާއެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޒާހިދު ވިދާޅުވިއެވެ. އެގޮތުން މެރިޓައިމް ކޯހުގެ މުއްދަތު ތިން އަހަރަށް އިތުރު ކުރެވި، އޭގެތެރެއިން އެއް އަހަރު ތަމްރީނު ކުރިއަށްދާނީ ބޯޓެއްގައިކަމަށް ޒާހިރު ވިދާޅުވިއެވެ. އަދި ކޯހުގެ ފަހު ދެ އަހަރުގެ ތަމްރީންތައް ފުރިހަމަ ކުރަންހަމަޖެހިފައި ވަނީ ސީއެމްއެސްގައި ޤާއިމުކުރެވިފައި ހުރި ވަޞީލަތްތަކުގެ އެހީގައިކަމަށް ޒާހިރު ވިދާޅުވިއެވެ. އެއާއެކު ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް އެކަޑެމިކް ޑިގްރީއާއި ޓްރާންސްޕޯޓު އޮތޯރިޓީން ދޭ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީވެސް ލިބޭނެކަމަށް ޒާހިރު ވިދާޅުވިއެވެ.

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި ނޯޓިކަލް ސައިންސްގެ ދާއިރާއިން ޑިގްރީ ފެންވަރުގެ ކޯސްތައް ތަޢާރަފުކުރުންކަމަށް އެސެންޓަރުން ބުނެއެވެ.