ޚަބަރު

ހުޅުމާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި މީހަކަށް ގެއްލުމެއް ނުވޭ: އެމްއެންޑީއެފް


ހުޅުމާލޭގައި ހުރި ބިދޭސީން ތިބޭ އެކަމަޑޭޝަން ބްލޮކެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ 7000 ފްލެޓު ސަރަޙައްދުގައި ހުރި އެކޮމިޑޭޝަން ބްލޮކެއްގައި މިޙާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ 11:08 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިއަލިފާނުގެ ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށެވެ. އެހެންނަމަވެސް އަލިފާންރޯވި އެކޮމޮޑޭޝަން ބްލޮކަށް ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވައެވެ.

ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ ފްލެޓުތައް ހުރި މިސަރަޙައްދަކީ ޢާއްމުން ވަނުން މަނާ ސަރަޙައްދެކެވެ. އެމްއެންޑީއެފް ހުޅުމާލޭ ފަޔަރ ޑިޕާޓްމަންޓުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވީނަމަވެސް އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ހާމައެއް ނުކުރައްވައެވެ.