ޚަބަރު

ހުޅުމާލޭގެ މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުންކުރަން ފަށަނީ

ކުރީ ސަރުކާރުން ހުޅުމާލޭގައި ހަދަން ފަށާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުންކުރަން ފެށޭނީ ކޮންޓްރެކްޓަރަށް ފައިސާ ދައްކާ ނިމުމުންކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން ވަނީ މާލެއާއި ހުޅުމާލޭގައިވެސް ޕާކްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ބަހައްޓާފައެވެ. އެހެންނަމަވެސް މާލޭގައި ބެހެއްޓި އެއްވެސް ޕާކިން ސިސްޓަމްއެއް ބޭނުންނުކުރެވި ވަނީ ނަގާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ ހުޅުމާލޭގައި ބަހައްޓާފައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ބޭނުން ނުކުރެވިފައި ހުރީ އެގޭ މަސައްކަތްތައް އެއްކޮށް ނުނިމޭތީކަމަށެވެ. އަދި ކުރީ ސަރުކާރުން ފެށި މަޝްރޫއު ނުނިމި އޮތީ އޭރު އެޗްޑީސީއަށް ދިމާވި މާލީ ދަތިތަކުގެ ސަބަބުން މަސައްކަތް ހަވާލުކުރި ފަރާތަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުންކަމަށްވެސް ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ މިވަގުތު ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން ބައިބަޔަށް ބަހާލައިގެން ފައިސާދެއްކުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ފައިސާ ދައްކާ ނިސްބަތުން މިހާރު ހުރި ސިސްޓަމްތަކުގެ މަސައްކަތް ނިންމާނެކަމަށް ކޮންޓްރެކްޓަރ ވިދާޅުވެފައިވާކަމަށާއި އެއަށްފަހު ޕާކްކުރަން ސިސްޓަމްތައް ބޭނުން ކުރަންފަށާނެކަމަށް ސުހައިލް ވިދާޅުވެއެވެ.

" ހުޅުމާލެ މަގުތަކުގައި ގިނަ އަދަދަކަށް ރަޖިސްޓްރީ ނުކޮށް ހުރި ކާރުތައްވެސް އެބަހުރި. ހުޅުމާލޭގައި ޕާކްކުރެވޭ އުޅަނދުތައް އެކުލަވާލާ ޕާކިން ސިސްޓަމްއެއް އެކުލުވާލުމާއި ޕާކްކުރެވޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތްތައް މިދަނީ ކުރަމުން. ކުރިއަށް އޮތް ދެމަސްދުވަހު ހުޅުމާލޭގައި ޕާކިން ބިލްޑިން އެޅުމަށްވެސް ހުޅުވާލާނަން." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖާއެކު މާލެއިން ހުޅުމާލެއަށް އެއްގަމު އުޅަނދުތަކުގައި ދަތުރުކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިއާއެކު ހުޅުމާލޭގައި ގިނަ އަދެއްގެ އުޅަނދުތައް ޕާކްކޮށްފައިވެސް އެބަހުއްޓެވެ. އެހެންނަމަވެސް ވެހިކަލްތައް އިތުރުވުމާއެކު ހުރިހާ އުޅަނދަކަށް ޕާކް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ ފަސޭހަކަމެއް ނޫނެވެ.

ހުޅުމާލޭގައި ބަހައްޓާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތަކުގައި 200 އަށް ވުރެ ގިނަ ކާރު ޕާކް ކުރެވޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެހެންނަމަވެސް ގިނަ ދުވަސްވުމުގެ ސަބަބުން ހުޅުމާލޭގައި ހުރި މިފަދަ ސިސްޓަމްތަކުގައިވެސް ވަނީ ދަބަރު ޖަހާފައެވެ.

މާލޭގައި އެއްގަމު އުޅަނދުތައް ޕާކުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ކުރީގެ ސަރުކާރުން މާލޭގެ އެކި ސަރަޙައްދުތަކުގައި މެކޭނިކަލް ޕާކިންގ ސިސްޓަމް ސިސްޓަމްތަކެއް ހަރުކުރަން ފެށިއެވެ. މި ސިސްޓަމްތައް ހަރުކުރުމަށް ޖުމުލަ 58 މިލިއަން ރުފިޔާގެ ހޭދަވާނެކަން އޭރު ބުނެފައިވެއެވެ. އެހެންނަމަވެސް މިއިން އެއްވެސް ސިސްޓަމެއް ބޭނުންނުކުރެވި ވަނީ ބޭކާރުވެފައެވެ.

މާލޭގައި ދުއްވުމަށް 70000 އެއްހައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު މި ހުރިހާ އުޅަނދުތައް ޕާކުކުރުމުގެ ޖާގަ ނެތުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ.

މިކަމަށް ޙައްލު ގެނެވޭނެކަމަށް ކުރީ ސަރުކާރުން ޤަބޫލުކުރީ ޕާކު ކުރުމަށް ޒަމާނީ ނިޒާމެއް ތަޢާރަފްކުރުމެވެ. އެއީ އިލެކްޓްރޯނިކަލް ޕާކިން ސިސްޓަމްތައް މާލޭގައި ބެހެއްޓުމެވެ. މިއީ ވަރޓިކަލް ސިސްޓަމްތަކެއްގައި، ކުޑަ ޖާގައެއްގައި ގިނަ އުޅަނދު ޕާކު ކުރެވޭ ނިޒާމެކެވެ. އެހެންނަމަވެސް މި ތަކެތީގެ ބޭނުން ނުހިފައި ހަލާކުވެފައި ހުރުމުގެ ސަބަބުން އެތަކެތި މާލެއިން ނަގާ އެ ތަންތަނުގައި ޕާކިން ޒޯންތައް ހަދާ ޕާކް ކުރެވޭނެ އިންތިޒާމްތައް ސަރުކާރުން އަންނަނީ ހަމަޖައްސަމުންނެވެ.