ކުޅިވަރު

ޕޮއިންޓް ތާވަލްގައި ތިން ޕޮއިންޓްގެ ލީޑެއް މިލާނުން ނަގައިފި


އިޓާލިއަން ސެރީއާގައި އޭސީ މިލާނާއި ކަގްލިއާރީ ބައްދަލުކުރިމެޗް މިލާނުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ކަގްލިއާރީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިލާންގެ ތަޖްރިބާކާރު ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗްއެވެ. މިއީ އަނިޔާއިން އެނބުރި އައިސް މިލާނަށް ކާމިޔާބުކޮށްދިން ފުރަތމަ ލަނޑެވެ. އަދި މެޗްގެ 52 ވަނަ މިނެޓްގައި މިލާންގެ ދެވަނަ ލަނޑުވެސް ޖަހާދިނީ އިބްރަހިމޮވިޗްއެވެ. މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ކުޅުނު 13 މެޗްގައި އެޓީމަށް ޖަހާދިން 13 ވަނަ ލަނޑެވެ. މިކާމިޔާބީއާއެކު މިލާން މިހާރުވަނީ ސެރީއާގައި އެޓީމް އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު 19 މެޗްގައި ލަނޑު ޖަހާފައެވެ. މީގެކުރިން މިލާނަށް ރަށުން ބޭރުގައި ޖެހިޖެހިގެން 19 މެޗްގައި ލަނޑު ޖެހިފައިވަނީ 1991- 92 ސީޒަން އާއި 1992 -93 ވަނަ ސީޒަންގައި މިލާންގެ ކޯޗުކަމުގައި ފަބިއޯ ކަޕެއްލޯ ހުރިއިރުއެވެ. އެދެފަހަރުވެސް މިލާންވަނީ ތަށި އުފުލާލާފައެވެ.

މިމެޗުން މޮޅުވުމުން މިލާނަށް މިހާރުވަނީ 18 މެޗުން 43 ޕޮއިންޓް ލިބިފައެވެ. ދެވަނައިގި އުޅޭ އިންޓަރ މިލާނަށް 18 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ކަގްލިއާރީ އުޅެނީ 18 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.