ކުނިތަކެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމްކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. މިިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 5 ވަނަދުވަހު ހައިކޯޓުން ނިންމި ނިންމުން އެންމެ މަތީކޯޓްގައި އިސްތިއުނާފުކޮށްފައިވަނީ ނަޖާހުގެ ފަރާތުންނެވެ.
މީގެ 10 އަހަރު ކުރިން، ޑިސެމްބަރު 2009ގައި މާފަންނުގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި ޝީރީން މަރުވެ ކުނިވެފައި އޮއްވައި ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ޝިރީންގެ މަރާއި ގުޅިގެން އެނާގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ މުހައްމަދު ނަޖާހް މައްޗަށް ދައުލަތުން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލިއެވެ. އެހެންނަމަވެސް އޭގެ 6 އަހަރު ފަހުން ކްރިމިނަލްކޯޓުން އެކުށް ސާބިތުނުވާކަމަށްް ނިންމުމުން އެނާ ވަނީ މިނިވަންވެފައެވެ.
ދަށުކޯޓްގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުން ނިންމާފައިވަނީ ނަޖާހު، ޝީރީން ގަސްދުގައި މަރާލިކަމަށް ސާބިތުނުވިނަމަވެސް ޤަޞްދުމަރާއި ވައްތަރުގެ މަރު ޝަރީޢަތަށް ސާބިތުވާކަމަށެވެ. އަދި އެކުށުގެ ތައުޒީރީ ޢުޤޫބާތެއްގެ ގޮތުން، މުޙައްމަދު ނަޖާޙު 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، މަރިޔަމް ޝީރީންގެ ވާރިޘުންގެ ފަރާތުން މަރުގެ ދިޔަ މަޢާފު ނުކުރާހާ ހިނދަކު، ޝިރީންގެ މަރުގެ ދިޔައަކީ ނަޖާހުގެ އަމިއްލައަށް ދޭން އޮތް ދިޔައެއްކަމާއި، އެދިޔަ ލިބިގަތުމަށް، ޝީރީންގެ ވާރިޘުންނަށް ދަށުކޯޓުގައި ދަޢުވާ ކުރުމުގެ ޙައްޤު އޮތްކަން އަންގާ، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ 02 މަސްދުވަހު ރޯދަ ހިފުމަށްވަނީ ޙުކުމް ކޮށްފައެވެ.
ހައިކޯޓްގެ މި ނިންމުން ނަޖާހުގެ ފަރާތުން އިސްތިއުނާފުކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް އަންނަ ބުދަދުވަހު ފަށަން ސުޕްރީމްކޯޓުން ވަނީ ތާވަލުކޮށްފައެވެ. އެކޯޓުން މި މައްސަލަ ބައްލަވާނީ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި ބެންޗުގައި ހިމެނިވޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ޝީރީންގެ ހަށިގަނޑު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދާތާ ތިންދުވަސްވީ ފަހުންނެވެ. އޭނާ ގެއްލުމާއި ހަމައަށްވެސް އުޅެމުންދިޔައީ ނަޖާހްއާއިއެކު އެއްތަނެއްގައިކަމަށް ބުނެ މި މައްސަލައިގަ ބައެއް މީހުން ހެކިބަސްވެސް ދީފައިވެއެވެ. އެ މައްސަލާގައި ދައުލަތުން ވަނީ ޝީރީން މަރާލުމަށްފަހު ފޮއްޓަކަށް ލައިިގެން ކާރެއްގައި ނަޖާހު ގެންގޮސް އެއްލާލިކަމުގެ ތުހުމަތުކޮށްފައެވެ. އަދި އެ ފޮށި ހިފައިގެން ނަޖާހު މަގުމަތިން ފެންނަ ވީޑިއޯވެސް ފުލުހުން ވަނީ ދައްކާފައެވެ.