ޚަބަރު

ކޯވިޑް-19: ގދ.ތިނަދުއިން މީހަކު ޕޮޒިޓިވްވެއްޖެ


ގދ.ތިނަދޫގައި ހުރި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްއީއޯސީއިން ވިދާޅުވީ ތިނަދުއިން ޕޮޒިޓިވްވެފައިވަނީ ރާއްޖެއިން ބޭރުން އައިސް، ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކުކަމަށެވެ. އޭނާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ކަރަންޓީން ނިންމުމަށްފަހު، ރިލީޒްކުރުމަށް ނެގި ސާމްޕަލްއަކުންކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ތިނަދޫ ކައުންސިލުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިމީހާ ކަރަންޓީންގައި ހުރުމުން އިތުރު މީހަކާ ބައްދަލުވެފައިނުވާކަމަށެވެ. އެހެންނަމަވެސް ރައްކާތެރިކަމަށްޓަކާ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ގދ.ތިނަދޫގައި ކަރަންޓީންގައި ތިބި ބަޔަކު މީގެކުރިންވެސް ވަނީ ޕޮޒިޓިވްވެފައެވެ. އެފަހަރު ޕޮޒިޓިވްވެފައިވަނީ ކަރަންޓީންގައި ތިބި އަންހެނަކާއި އޭނާގެ ދަރިފުޅެވެ.

ރަށްރަށަށްގޮސް ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން މިހާތަނަށް ގިނަބަޔަކު ޕޮޒިޓިވްވެފައިވާތީ ކަރަންޓީނުގައި ތިބޭއިރުވެސް ރައްކާތެރިކަމަށް އިސްކަންދިނުމަށް އެޗްއީއޯސީން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. އެގޮތުން ކަރަންޓީނުގައި ތިބޭ މީހުން އެހެން މީހުންނާއިި ބައްދަލުކުރުމާއި މުއްދަތު ހަމަކުރުމަށްފަހު ނެގެޓިވް ނަތީޖާ ލިބުމުގެ ކުރިން ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.