ޚަބަރު

މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ މަސައްކަތް ހެންވޭރުގައި ފަށަނީ


މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ މަސައްކަތް ހެންވޭރުގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް ހެންވޭރުގައި ފަށާއިރު، މިޕްރޮޖެކްޓްގެ މަސައްކަތް ފުރަތަމަ ފެށީ މާފަންނު ކަނބާއައިސާރަނި ހިންގުމުންނެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް "މާލެ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ ނަމުގައި ޚާއްސަ މަޝްރޫޢުއެއް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ. މި ޕްރޮޖެކްޓަކީ، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އެންމެ ބޮޑު ޕްރޮޖެކްޓެވެ.

މަގުހެދުމުގެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ މާފަންނު ކަނބާއައިސާރަނި ހިންގުމުންނެވެ. މިމަގުގެ ފުރަތަމަ ބައިގެ މަސައްކަތް ނިންމައި ބޭނުންކުރުމަށް އާއްމުކޮށް ހުޅުވާލާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އަދި މިހާރުވަނީ އެ ސަރަޙައްދުގެ އިތުރު 2 މަގުގެ މަސައްކަތްވެސް ފަށައި، މަސައްކަތުގެ ބޮޑު ބައެއް ނިމިފައެވެ.

ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ކޯވިޑް19ގެ ޙާލަތާއެކު އައި މަޑުޖެހުމަށްފަހު މިހާރު، ބާރު ސްޕީޑްގައި މަސައްކަތް ފަށާފައިވާކަމަށެވެ. މާފަންނުގެ އިތުރު މަގުތަކުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މާލޭގެ އިތުރު ސަރަޙައްދުތަކުގެވެސް މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ގިނަ ސަރަޙައްދުތަކުގައި އެއްފަހަރާ މަސައްކަތް ފަށާ، އަވަހަށް މަސައްކަތް ކުރިއަށްގެންދިއުމަށްކަމަށެވެ. މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ މަސައްކަތް ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ހެންވޭރުގައެވެ. މިކަމަށް ވާންޖެހޭ ތައްޔާރީތައް ސިޓީކައުންސިލާ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ ގުޅިގެންދަނީ ކުރަމުންނެވެ.

"ކުރިން ރޭވީ މާފަނުން ފެށިގެން މަސައްކަތްތައް ނިންމަމުން ދިއުމަށް. ނަމަވެސް އާރްޑީސީއާއި ޓެކްނިކަލް ޓީމާ މިހާރު މަޝްވަރާ ކުރަމުން މިދަނީ ހެންވޭރުގައި ފެށުމަށް. ހެންވޭރުގައި އެންމެ ބޮޑަށް ފެންބޮޑުވެ މަގުތަކުގެ ޙާލަތު ދަށަށް ދަށީ ހެންވޭރު ދެކުނުގައި. އެ ސަރަޙައްދުން މަސައްކަތް ފެށުމަށް މަޝްވަރާކުރަނީ." ޝަމާއު ޝަރީފް ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ސަޜަހައްދުތައް ކުރިއަށް އޮތް ދެދުވަހެއްގެތެރޭ ކަނޑައަޅާނެކަމަށެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ވިދާޅުވީ، މަލޭގެ އިތުރު ސަރަޙައްދުތަކުގައި މަސައްކަތް ފެށުމަށް ބޭނުންވާ ކެޕޭސިޓީ އެ ކުންފުނީގައި އެބަހުރިކަމަށެވެ. އާރްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ މޫސާ އަލީ މަނިކް ވިދާޅުވީ ކޯވިޑްގެ ޙާލަތާ ގުޅިގެން ތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވި ނަމަވެސް، މަޑުމަޑުން އެކަންކަން ހައްލުވަމުން އަންނަކަމަށެވެ. މޫސާ އަލީ މަނިކް ވިދާޅުވީ ފުރަތަމަ ހެދި މަގުވީ، ޕްރޮޖެކްޓްގެ މުހިންމު ތަޖުރިބާއަކަށްކަމަށެވެ.

"ފުރަތަމަ މި ހެދި މަގުގެ ތަޖުރިބާއާއެކު ދެން ސްޕީޑް ނެގޭނެ. ލޮކްޑައުންއާ ޓްރެވަލް ރިސްޓިރިކްޝަންތަކުގެ ސަބަބުން ބޭނުންވި ސްޕީޑްގައި ނުގެންދެވުން އޭރު. ނަމަވެސް މިހާރު މެޓީރިއަލް ލިބި ބާރު ސްޕީޑްގައި މަސައްކަތްވަނީ ފަށައިގަނެވިފަ. މިހާރު އަމާޒަކީ ކޮންމެ 10-15ދުވަހުން ގޯޅިއެއް ނިންމާލުން." މޫސާ އަލި މަނިކު ވިދާޅުވިއެވެ.

އާރްޑީސީން ވިދާޅުވީ ޕްރޮޖެކްޓްގައި އިސްކަންދޭނީ އަވަސް އަރުވާލައިގެން މަގުތައް ނިންމަން ނޫންކަމަށާއި، އޭގެ ބަދަލުގައި ދިގުމުއްދަތަށް ބޭނުންކުރެވޭ، ކޮލިޓީ ރަނގަޅު މަސައްކަތެއްކުރުމަށްކަމަށެވެ.

މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢުގެ ދަށުން 450 އަށްވުރެ ގިނަ މަގު ހެދުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.