ސިޔާސީ

އެލް.ސީ.އީ އާއި ޑަބްލިޔު.ޑީ.ސީ.އީ އިންތިޚާބުން 150އަށްވުރެ ގިނަ ކެނޑިޑޭޓުން ނަންނަގައިފި


ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް 153 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާ ގޮތުގައި މި އިންތިޚާބުގައި ވާދަކުރުމަށް 4،252 ކެނޑިޑޭޓަކު ކުރިމަތިލާފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޖުމްލަ 2،435 ކެޑިޑޭޓުން ކުރިމަތިލާފައިވާއިރު، އޭގެތެރެއިން 95 ފަރާތަކުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. މީގެތެރެއިން އެންމެ ގިނަ ޢަދަދަކަށް ނަން އަނބުރާ ގެންގޮސްފައިވަނީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ އެމް.ޑީޕީގެ ކެނޑިޑޭޓުންނެވެ. އެގޮތުން އެ ޕާޓީގެ 34 ކެނޑިޑޭޓުންވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީ.ޕީ.އެމްގެ 16 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، ޖުމްހޫރީ ޕާޓީގެ 8 ކެނޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 36 ކެނޑިޑޭޓަކުވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ޖުމްލަ 1،817 ކެނޑިޑޭޓަކު ކުރިމަތިލާފައިވެއެވެ. އޭގެތެރެއިން މިހާތަނަށް 58 ފަރާތެއް ނަން އަނބުރާ ގެންގޮސްފައިވާކަމަށް އެކޮމިޝަނުން ހާމަކުރައްވައެވެ. މި ކެނޑިޑޭޓުންތަކުގެ ތެރެއިން އެމް.ޑީ.ޕީގެ 36 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، ޕީ.ޕީ.އެމްގެ 3 ކެނޑިޑޭޓަކުވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ 19 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ.

މިހާތަނަށް ގިނަ ޢަދަދެއްގެ ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާތީ، އިންތިޚާބުގައި ވާދަކުރުމަށް އިތުރު ފުރުޞަތެއް ހުޅުވާލުމުގެ އަމުރަކަށް އެދި ޢާއްމު ފަރާތަކުންވަނީ ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައެވެ.

މުޙައްމަދު ތަސްލީމު ކިޔާ މީހަކު ހުށަހެޅި މި މައްސަލާގައި ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ އިތުރު ފުރުސަތެއް ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައިވެއެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރެވުނު ނަމަވެސް އިންތިޚާބުގައި ވާދަކުރާނީ 6 މާރިޗު 2020ގައި އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ކެނޑިޑޭޓުން ކަމަށް ސަންސެޓް ޤާނޫނުގައި ކަނޑައަޅާފައިވާ މާއްދާ ބާޠިލްކޮށް ދިނުމަށްވެސް އެދިފައިވެއެވެ. މި މައްސަލައިގެ އަޑުއެހުންތައް މިހާރު ހައިކޯޓުގައި ދަނީ ހިނގަމުންނެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް 4 ގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތާވަލް ކުރި އިންތިޚާބު މިހާރު ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ މި އަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ. އެދުވަހު އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެންނަށް ބޭނުންވާ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފަށާފައެވެ.