އެފް.ސީ. ބާސެލޯނާ ބަލިކޮށް ސްޕެނިޝް ސުޕަރ ކަޕްގެ ތަށި އެތުލެޓިކް ބިލްބާއޯއިން އުފުލާލައިފިއެވެ. ސެވިއްޔާގައި ރޭ ކުޅުނު ފައިނަލް މެޗް ބިލްބާއޯ ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު 2 ލަނޑު 2 ލަނޑުން ދެޓިމް އެއްވަރު ވުމުން ކުޅުނު އިތުރުވަގުތުގައި ޖެހިލަނޑާއެކު 3 ލަނޑު 2 ލަނޑުންނެވެ.
ފޯރިގަދަ ކުޅުމެއް ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބާރސާގެ އެންޓޮއިން ގްރީޒްމަންއެވެ. ނަމަވެސް މިލަނޑު ޖެހިތާ ދެ މިނެޓްފަހުން ބިލްބާއޯގެ އޮސްކަރ ޑި މާކަސްވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި ބާރސާއަށް ދެވަނަ ފަހަރަށް ލީޑު ނަގާދިނީވެސް ގްރީޒްމަންއެވެ. މިލަނޑު އޭނާ ޖެހީ 77 ވަނަ މިނެޓްގައެވެ. މިލަނޑާއެކު މިމެޗުން ބާރސާ މޮޅުވާނެ ކަމަށް ގިނަ ބަޔަކަށް ހީކުރެވުނު ނަމަވެސް ފުރިހަމަ ވަގުތުގެ ފަހު މިނެޓްގައި ބިލްބާއޯއިންވަނީ މެޗްގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ބަދަލުކުޅުންތެރިޔާ އެސިއަރ ވިޔަލިބްރޭއެވެ. އަދި މިމެޗުން ބިލްބާއޯ މޮޅުވި ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ޖަހާދިނީ އިނާކީ ވިލިއަމްސްއެވެ.
މިމެޗްގެ އިތުރުވަގުތުގެ ފަހު މިނެޓްގައި ބާރސާގެ ކެޕްޓަން ލިއޮނެލް މެސީ ބިލްބާއޯގެ ވިޔަލިބްރޭއަށް ހަމަލާ ދިނުމުގެ ސަބަބުންވަނީ ރަތް ކާޑު ދައްކާފައެވެ. މިއީ މެސީއަށް ބާރސާގެ ޖަރޒީގައި މިހާތަނަށް ކުޅުނު 753 މެޗްގައި ރަތްކާޑު ދެއްކި ފުރަތަމަ ފަހަރެވެ. މީގެކުރިން މެސީއަށް ދައްކާފައިވާ ދެ ރަތް ކާޑަކީ އާޖެންޓީނާ ޤައުމީ ޓިމަށް ކުޅެނިކޮށް ދައްކާފައިވާ ދެރަތްކާޑެވެ. މި ރަތްކާޑާއެކު ކުރިއަށް އޮތް ހަތަރު މެޗްގައި މެސީއަށް ނުކުޅެވޭނެކަމަށް ބެލެވެއެވެ.
މިއީ 1985 ވަނަ އަހަރަށްފަހު ބިލްބާއޯއަށް ކާމިޔާބު ކުރެވުނު ދެވަނަ ތައްޓެވެ. އަދި ރޭގެ ކާމިޔާބީއާއެކު މިއީ 1960 ވަނަ އަހަރަށްފަހު ރެއާލް މެޑްރިޑާއި ބާރސާ ޖެހިޖެހިގެން ބިލްބާއޯއަށް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.