ކުޅިވަރު

އެސްޓަންވިލާއާ ވާދަކޮށް މެންޗެސްޓަރ ސިޓީން މެޗު ކާމިޔާބުކޮށްފި


އިނގިރޭސި އަންހެނުންގެ ސުޕަރ ލީގުގައި މެންޗެސްޓަރ ސިޓީގެ އަންހެން ޓީމާއި އެސްޓަންވިލާގެ އަންހެން ޓީމް ބައްދަލުކުރިމެޗް ވަރަށް ފަސޭހަ ކަމާއެކު ސިޓީ ކާމިޔާބުކޮށްފިއެވެ. ސިޓީ އަންހެން ޓީމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 7 ލަނޑު ސުން ލަނޑުންނެވެ.

މިމެޗްގެ ފުރަތަަމަ ހާފްގައި ސިޓީއިންވަނީ އެސްޓަންވިލާ ގޯލަށް ހަ ލަނޑު ޖަހާފައެވެ. ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ދެވަނަ މިނެޓްގައި ލޯރެން ހެމްޕްއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖިލް ސްކޮޓް ޖަހައިދިން އިރު ތިންވަނަ ލަނޑު 31 ވަަނަ މިނެޓްގައި ޖަހައިދިނީ ޖޯޖިއާ ސްޓެންވޭ އެވެ. ސިޓީގެ ހަތަރުވަނަ ލަނޑު 38 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖެހި ހެމްޕްއެވެ. އަދި ފަސްވަނަ ލަނޑަކީ އެސްޓަންވިލާގެ ނަޓާލީ ހެއިގް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސިޓީ ގެ ހަވަނަ ލަނޑު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޖަހައިދިނީ އެލެން ވައިޓްއެވެ. މިމެޗްގެ ދެވަނަ ހާފްގައި ވިލާއިން އެޓީމްގެ ކުޅުން ރަގަޅު ކުރި ނަމަވެސް ސިޓީއިންވަނީ މިހާފްގައި އިތުރު ލަނޑެއް ޖަހާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ކްލޮއި ކެލީއެވެ.

މިކާމިޔާބީއާއެކު ސިޓީ މިހާރު އޮތީ 12 ޓީމް ވާދަކުރާ އަންހެނުންގެ ސުޕަރ ލީގުގެ ހަތަރު ވަނައިގައެވެ. އެއީ 10 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކުއެވެ. އަދި ވިލާ އުޅެނީ 9 މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު 11 ވަނައިގައެވެ.