ކުޅިވަރު

މެންޗެސްޓަރ ބަލިކޮށް ތާވަލްގެ އެއްވަނައަށް ޗެލްސީ


އިނގިރޭސި އަންހެނުންގެ ސުޕަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ. ޗެލްސީ އަންހެން ޓީމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ޖަހައިދިނީ ޗެލްސީގެ ޕެނީލް ހަރޑަރއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ޗެލްސީގެ ސޭމް ކާރއަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައެވެ. މިމެޗްގައި މެންޗެސްޓަރއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ޖަހައިދިނީ ލައުރެން ޖޭމްސްއެވެ. ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ޗެލްސީގެ ފްރޭން ކަރބީ ވަނީ ލަނޑެއް ޖަހާ އަލުން އެޓީމަށް ލީޑު ނަގައިދީފައެވެ. މިކާމިޔާބީއާއެކު އަންހެނުންގެ ސުޕަރ ލީގުގައި ޗެލްސީ މިވަނީ ބަލިނުވެ 31 މެޗް ހަމަކޮށްފައެވެ. އަދި 10 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. ރޭގެ މެޗުން ބަލިވި މެންޗެސްޓަރ އަންހެން ޓީމަށްވެސް ލިބިފައިވަނީ 26 ޕޮއިންޓެވެ. ނަމަވެސް ޗެލްސީއަށް ކުރި ލިބެނީ ޖަހާފައިވާ ގޯލަށް ބަލާއިރުއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީ އަންހެން ޓީމްގެ ކޯޗު އެމާ ހޭސް ހާމަކުރިގޮތުގައި މެންޗެސްޓަރގައި އޮތީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އަދި މިއީ ޗެލްސީއިން މިސީޒަންގައި މިހާތަނަށް ކުޅުނު އެންމެ އުނދަގޫ މެޗް ކަމުގައިވެސް އޭނާ ހާމަކުރިއެވެ. އަދި މިމެޗްގައި ތަފާތަކަށްވީ ތަޖްރިބާ ކަމަށްވެސް އެމާ ފާހަގަކުރިއެވެ.