ކުޅިވަރު

ޔޫވީގެ ވަގުތީ ކޯޗަކަށް ސާންތި


ޔުނައިޓެޑް ވިކްޓަރީގެ ވަގުތީ ކޯޗަކަށް ތަޖްރިބާކާރު ކޯޗް އިހުސާން އަބްދުލްޣަނީ (ސާންތި) ހަމަޖައްސައިފިއެވެ.
އިހުސާން އަބްދުލް ޢަނީ ޔޫވީގެ ވަގުތީ ކޯޗަކަށް ހަމަޖައްސާފައިވާއިރު، މިސީޒަންގައި އިހުސާން އަންނަނީ ޔުނައިޓަޑް ވިކްޓްރީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

މިސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔޫވީއިން ފަރިތަކުރުންތައް ކުރިއަށްގެންދިޔައިރު، ސާންތި އައިސްފައިވަނީ ޔޫވީއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ސާންތިއާއެކު ޔޫވީއަށް އެހީތެރިވުމަށް ކުރީގެ ގޯލް ކީޕަރު ޒަރިޔަންދުވެސްވަނީ އެޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސުޕަރ ޔުނައިޓެޑާއި ދެކޮޅަށް ޔުނައިޓަޑް ވިކްޓްރީ ވާދަކުރި މެޗަށްފަހު މުހައްމަދު އާދަމްވަނީ ކޯޗްކަމުގެ މަގާމުން އިސްތިއުފާދީފައެވެ.

މުހައްމަދު އާދަމްގެ ކޯޗުކަމުގެ ދަށުން ޔުނައިޓަޑް ވިކްޓްރީ ކުޅުނު 6 މެޗްގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އަދި 3 މެޗުން އެއްވަރުވިއިރު، 3 މެޗުންވަނީ ބަލިވެފައެވެ. އެޓީމް އޮތީ ލީގް ތާވަލްގެ އެންމެ ފުލުގައި 3 ޕޮއިންޓްއާއެކުގައެވެ. 2008ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ދަށި ހޯދިއިރު، ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި އިހުސާން އަބްދުލްޣަނީ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗްކަންވެސްކޮށްފައެވެ.

އިހުސާން އަބްދުލްޣަނީގެ ކޯޗުކަމުގެ ދަށުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޔުނައިޓަޑް ވިކްޓްރީ ނިކުންނާނީ ދަ ގްރާންޑޭއާއި ދެކޮޅަށެވެ.