ޚަބަރު

އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގާ ވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި


ގިނަ އަދަދެއްގެ އިލެކްޓްރިކް ސާމާނު ވަގަށް ނަގައި، ވިއްކަމުންދިޔަ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ މި މީހުން ހައްޔަރުކޮށްފައިވަނީ، ވަގަށް ނަގާ މޯބައިލް ފޯނާ ކަރަންޓު ސާމާނު ނުއަގުގައި ވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންކަމަށެވެ.

މިމަހުގެ 14ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި ވަގަށް ނަގާފައިވާ ތަކެއްޗާއެކު 4 މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ގެއެއް ބަލާ ފާސްކޮށް އެ ގޭގެ ތެރެއިންނެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 25 އަހަރުގެ ދެ ދިވެހިންނާއި 26 އަހަރާއި 35 އަހަރުގެ ބަންގްލަދޭޝް ދެ މީހުންނެވެ.

ފުލުހުން ވިދާޅުވި އެގެ ބަލާފާސްކޮށް މިމީހުންގެ އަތުން، އެކި ބްރޭންޑްތަކުގެ 10 މޯބައިލް ފޯނާއި މަކީޓަރ ބްރޭންޑްގެ ކަޓްއޮފަކާއި ޑިގްރީ ކީހަކާއި ލެޕްޓޮޕަކާއި ސްޕީކަރެއްގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފެނިފައިވާ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް ދިވެހި ދެ މީހުންނަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި ބަންގްލަދޭޝްގެ ދެމީހުންނަށް ހަތަރު ދުވަހުގެ މުއްދަތުވަނީ ދީފައެވެ.