ވިޔަފާރި

ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް ހަރުކުރުމުގެ މަސައްކަތް ދެތިން މަސްތެރޭ ނިމޭނެ: މިނިސްޓަރ ޒަހާ


މިހާރު ކަނޑައިގެންގޮސްފައިވާ ކަނދުފަތިތައް ހަރުކުރުމުގެ މަސައްކަތް ދެތިންމަސްތެރޭ ނިމޭނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މަސްވެރިކަމުގެ ލާބަޔާއި މަންފާއަށް އެންމެ ފުރަތަމަ ސަރުކާރުން އޮއިވާލި ކަނދުފަތި ހަރުކުރީ 1980 ވަނަ އަހަރުއެވެ. މީގެސަބަބުން މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. އަދި މަސްވެރިކަމަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ހޭދަ ކުޑަވެގެންދިޔައެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، މިދިޔަ އަހަރުވެސް 13 ކަނދުފައްޗެއް ކަނޑައިގެން ގޮސްފައިވާކަމަށެވެ. އަދި އެއަހަރުގެ ތެރޭގައި މިނިސްޓްރީން ވަނީ 13 ކަނދުފަތި އަލުން މަރާމާތުކޮށްފައެވެ. މިވަގުތުވެސް 7 ނުވަތަ 8 ކަނދުފަތި ކަނޑައިގެން ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކަނދުފަތި އެޅުމަށް ލަސްތަކެއް ދިމާވެފައިވަނީ ކަނދުފައްޗާއިއެކު އަޅާ ބޮއެ ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންނެވެ.

މިނިސްޓަރ ވިދާޅުވީ، ކަނދުފަތި އަޅާފައި 2 ދުވަހެއް ނުވަނީސް ބޮއެ ގެއްލޭކަމަށެވެ. ކަނދުފައްޗާއިއެކު ބޮއެ އަޅަނީ މަސް އާލާކުރުމަށް އެހީތެރިވުމަށްޓަކައެވެ. ކަނދުފައްޗަކީ މަސްވެރިންގެ ލާބައަށް އަޅާ އެއްޗަކަށް ވުމުގެ ސަބަބުން ހުރިހާ ފަރާތްތަކުންވެސް ކަނދުފަތިތައް ވީހާވެސް ރަނގަޅަކަށް ބަލަހައްޓައިދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ. ބޮއެ ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް މިހާރު ކަނޑައިގެންގޮސްފައިވާ ކަނދުފަތިތައް ކުރިއަށްއޮތް 2 ނުވަތަ 3 މަސްދުވަހުގެ ތެރޭގައި އަޅާނިމޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"ކަނދުފަތި އަޅާއިރު އެބަބޭނުންވޭ ކަނދުފައްޗާއިއެކު އަޅާ ފްލޯޓް ބޮއެ. އެ ބޮއެ އަޅުގަނޑުމެން އަތުގައި މިވަގުތުނެތީ. އެބޮއެ ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން އެއެއްޗެހިތައް ހަރުކޮށް ކަނދުފަތިތައް އެޅުމުގެ މަސައްކަތް ކުރާނަން. މިވަގުތު އަޅުގަނޑުމެން މިދަނީ އުތުރުގައި 2 ކަނދުފައްޗެއް އެޅުމަށް ތައްޔާރުވަމުން. އެހެންވީމަ މި 2 ކަނދުފަތި ވަރަށް އަވަހަށް އެޅޭނެ. ދެންހުރި ކަނދުފަތިތަކުގެ މަސައްކަތްވެސް އަވަސްކުރުމަށް ބޮއެ ނެތްކަމުގައި ވިއަސް އަޅުގަނޑުމެން މިވިސްނަނީ އެޅުމަށް. ކުރިއަށްއޮތް ދެތިން މަސްތެރޭ މިހާރު ކަނޑައިގެންގޮސްހުރި ހުރިހައި ކަނދުފަތިތައް އަޅާނިމޭނެ." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހަރުކުރި ދިހަ ކަނދުފަތި ހަރުކޮށްފައިވަނީ ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމުޢިއްޔާ އެފްއޭއޯގެ އެހީގައެވެ. އޭގެފަހުން ހަރުކުރި ދިހަ ކަނދުފަތި ހަރުކުރީ ޔޫއެންޑީޕީގެ އެހީގައެވެ. އޭގެފަހުން މި މަޝްރޫޢު ކުރިއަށްގެންދިޔައީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.

އެއްވެސް ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި، އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ކަނދުފަތީގެ ބޮލަށް ވާ އައްސައި، އޭގައި ދޯނިފަހަރު އަޅައިގެން ތިބުންފަދަ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް ޢަމަލެއް ކުރުމަކީވެސް މަނާކަމެއްކަމަށެވެ.