ވިޔަފާރި

އެއިފެކްގެ ކޮންޕްލަޔަންސް ސްޓޭންޑަޑް ސެޓްފިކެޓް ހޯދުމުން ފަތުރުވެރިންގެ އިތުބާރާއި ޔަޤީންކަން ލިބޭނެ

އެއިފެކްގެ ކޮންޕްލަޔަންސް ސްޓޭންޑަރޑް މިންގަނޑު ހިފަހައްޓާނަމަ ފަތުރުވެރިންގެ އިތުބާރާއި ޔަޤީންކަން އެތަނަކަށް ލިބިގެންދާނެކަމަށް އެއިފެކް މޯލްޑިވްސްއިން ބުނެފިއެވެ.

ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮންޕްލަޔަންސް، އެއިފެކްއަކީ ތަފާތު ގިނަ ދާއިރާތަކަކުން ކުއްލި ހާލަތާއި ގުޅޭގޮތުން ނުވަތަ ކޮންމެ ބާވަތެއްގެވެސް މުހިއްމުކަންކަމަށް އަމާޒުކޮށްގެން މިންގަނޑުތަކާއި ގައިޑްލައިންތަކާއި، އަދި ސެޓްފިކެޓްދެވޭ ނިޒާމްތައް ތަރައްޤީކުރަމުންދާ މުއައްސަސާއެކެވެ.

ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮންޕްލަޔަންސް، އެއިފެކް ގުޅިގެން މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ވަނީ ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ފެސިލިޓީތަކަށް ސިއްހީ މިންގަނޑުތަކަށް ފެއްތުމަށް ކޮންޕްލަޔަންސް އޮފިސަރ ތަމްރީން ޕްރޮގުރާމެއް ލޯންޗްކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެއިފެކް މޯލްޑިވްސްގެ އެގްޒެކިއުޓިވް އޮފިސަރ ފެޒްލީން ސަލީމް ވިދާޅުވީ، ކޯވިޑްއާއި ގުޅިގެން ހެލްތް އެމަޖެންސީ ރިސްކް ކޮންޕްލަޔަންސް މެނޭޖްމަންޓް ސިސްޓަމްތައް ހަދައިދޭން އެއިފެކްއަށް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާކަމަށެވެ. މި ސިސްޓަމް އެންމެ ފުރަތަމަ އިންޕްލިމެންޓް ކުރަން ކަނޑައަޅާފައިވަނީ ރާއްޖޭގައެވެ. މި ސްޓޭންޑާޑްގައި ބަލާނީ އެޗްޕީއޭ ޤަވައިދަށް އަމަލުކުރޭތޯއެވެ. މި ސެޓްފިކެޓް ލިބުމުން ފަތުރުވެރިންގެ އިތުބާރާއި ޔަޤީންކަން އެތަނަކަށް ލިބިގެންދާނެކަމަށް ފެޒްލީން ވިދާޅުވިއެވެ.

"ސެޓްފިކޭޓް ލިބުނީމަ މި ސެޓްފިކެޓް ބޭނުންކުރެވޭނެ ޕްރޮމޯޝަންއަށްވެސް. ކޮމިއުނިކަބަލް ޑިޒީޒްއިން ސަލާމަތްވުމަށް ހުރިހާ ރިސްކެއް މެނޭޖްކޮށްފަ އިންނާނީ ސެޓްފިކެޓްގައި. ރިސްކް ވަރަށް ކުޑަވާނެ މީތި އިންޕްލިމަންޓް ކުރީމައި. ދެން އިންޝުއަރެންސް ކުންފުނިތަކުންވެސް ޕްރިމިއަމް ކުޑަވާނެ. އެއީ އެމީހުންވެސް ރިސްކަށް ބަލާފަތާ ޕްރިމިއަމް ކަނޑައަޅަނީ." ފެޒްލީން ސަލީމް ވިދާޅުވިއެވެ.

އެއިފެކްގެ މި ސެޓްފިކެޓް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިކަމަށް އެދުމުން އެ ފެސިލިޓީއަކުން ކޮންޕްލަޔަންސް އޮފިސަރެއް މިކަމަށް ތަމްރީން ކުރާނެއެވެ. އެމީހެއްގެ ޒިންމާއަކީ އެ ފެސިލިޓީއަކުން ގައިޑްލައިންއަށް އަމަލުކުރޭތޯ ބަލާ ޔަޤީންކުރުމެވެ. މި ޕްރޮގްރާމްގެ ދަށުން އޮފިސަރުން ތަމްރީން ކުރަނީ ޤައުމީ ޔުނިވަރސިޓީންނެވެ.

މި ޕްރޮގުރާމްގެ ތެރެއިން 830 ކޮންޕްލަޔަންސް އޮފިސަރުން ތަމްރީން ވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކުރައްވައެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ އޮންލައިންކޮށްނެވެ.

މި ތަމްރީން ލިބިފައި ހުންނަ ފަރާތަކަށް ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ކޮންޕްލަޔަންސް އޮޑިޓް ހެދޭނެއެވެ. އަދި ކޮންޕްލަޔަންސް އޮފިސަރުން ތަމްރީންކުރުމަށްފަހު އެއިފެކްގެ ސްޓޭންޑަރއަށް އެޕްލައިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ، މިފަދަ ސްޓޭންޑަރޑްތަކެއް ޤާއިމްކޮށް ޔޫރަޕިއަން ސެޓްފިކެޓެއް ލިބުމަކީ ކޯވިޑް19އާ ދެކޮޅަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރުމަށް، ޙާއްސަކޮށް އިޤްތިޞާދީގޮތުން މަގުފަހިވެގެންދާނެ މުހިންމުކަމެކެވެ. އެހެންކަމުން ހުރިހާ ޓޫރިސްޓް ފެސިލިޓީއަކުން އެއްބާރުލުން ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮންޕްލަޔަންސްއަށް ދެއްވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.