ދުނިޔެ

ޤަތަރުގައި ސަޢުދީގެ އެމްބަސީއެއް ހުޅުވަނީ


ޤަތަރުގައި ސަޢުދީ ޢަރަބިއްޔާގެ އެމްބަސީއެއް ވަރަށް އަވަހަށް ހުޅުވާނެކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެފިއެވެ. ސަޢުދީ ޢަރަބިއްޔާއިން އެހެން ބުނެފައިވަނީ ގަތާރާއި ގުޅުން ކަނޑާލާފައި އޮންނަތާ 3 އަހަރަށްފަހު މިދިޔަ ހަފްތާގައި އަލުން ގުޅުން ޤާއިމުކޮށްފައިވަނިކޮށެވެ.

ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ ޤަތަރުން އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީއާއި ޔޫއޭއީގެ އިތުރުން ބަޙުރައިނުން ވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެއާއިއެކު އެ ޤައުމުތަކުން ޤަތަރާއިއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތައްވެސް ބަންދުކުރިއެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. ގަތަރާއިއެކު މި ޤައުމުތަކުން އަލުން ޤަތަރާއި ގުޅުމަށް އޭރު 13 ޝަރުތެއްވެސް ކުރިމަތިކުރިއެވެ. އެހެންނަމަވެސް އެ ތުހުމަތުތައް ޤަތަރުން ވަނީ ދޮގުކޮށްފައެވެ.

މިމަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގައި ބޭއްވި ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ބައްދަލުވުމުގައި ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަހުރައިނުންވަނީ ޤަތަރާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެއްބަސްވެފައެވެ. އެ ޤައުމުތަކުން މިހާރުވަނީ އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ޤަތަރަށް ހުޅުވާލައިފައެވެ. އެއާއިއެކު ޤަތަރާއި އެ ޤައުމުތަކާއި ދެމެދު ބައެއް ވައިގެ ދަތުރުތައްވެސް މިހާރުވަނީ ފަށާފައެވެ. އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާއިންވަނީ އެ ޤައުމުން ޤަތަރާއިއެކު ޙިއްޞާކުރާ ހަމައެކަނި އެއްގަމުގެ ސަރަޙައްދީ ރޮނގުވެސް ހުޅުވާލައިފައެވެ.

ޤަތަރުގައި ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ އިދާރާއެއް ހުޅުވުމާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން ވިދާޅުވީ ޚާރިޖީ އިދާރާއެއް ހުޅުވުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއުތައް ފުރިހަމަކުރަމުން އަންކަމަށެވެ. އަދި އެކަންކަން ނިމުމުން ޤަތަރުގެ ދައުހާގައި ސަޢުދީ ޢަރަބިއްޔާގެ އެމްބަސީ އަލުން ހުޅުވާނެކަމަށާއި ސަޢުދީ ޢަރަބިއްޔާއިން ޤަތަރާއިއެކު ފުރިހަމަ ޚާރިޖީ ގުޅުން ޤާއިމްކުރާނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.