ވިޔަފާރި

މާލެ އަތޮޅުގެ 133 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައި


ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަދިން ފަހުން އެންމެ ގިނައިން ގެސްޓްހައުސްތައް ހުޅުވާލާފައިވަނީ މާލެ އަތޮޅުންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަަނަ ދުވަހުގެ ނިޔަލަށް، ރާއްޖޭގައި އޮޕަރޭޓްކުރާ 582 ގެސްޓްހައުސްގެ ތެރެއިން 297 ގެސްޓްހައުސެއް ހުޅުވާލުމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 15 އަތޮޅެއްގެ 47 ރަށަކުން 297 ގެސްޓް ހައުސެއް ހުޅުވާފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނައިން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މާލެ އަތޮޅުންނެވެ. މާލެ އަތޮޅުގައި އޮޕަރޭޓްކުރާ 133 ގެސްޓް ހައުސް ވަނީ ހުޅުވާލާފައެވެ. މިއީ 3158 އެނދެވެ.

މާލެ އަތޮޅުގެ 133 ގެސްޓް ހައުސް ހުޅުވާފައިވާއިރު، އެންމެ ގިނަ ގެސްޓްހައުސް ހުޅުވާފައިވަނީ މާލެ ސަރަޙައްދުގައެވެ. މާލެ ސަރަޙައްދުގެ 43 ގެސްޓްހައުސެއް ހުޅުވާފައިވާއިރު، މިއީ 1204 އެނދެވެ. ދެވަނައަށް އެންމެ ގިނަ ގެސްޓްހައުސް ހުޅުވާފައިވަނީ މާފުށީގައެވެ. މާފުށީގައި 27 ގެސްޓް ހައުސެއް ހުޅުވާފައިވާއިރު، މިއީ 1054 އެނދެވެ. 3 ވަނައަށް އެންމެ ގިނަ ގެސްޓްހައުސް ހުޅުވާފައިވަނީ ތުލުސްދޫއިންނެވެ. ތުލުސްދޫގެ 16 ގެސްޓްހައުސެއް ހުޅުވާފައިވާއިރު، އެއީ 198 އެނދެވެ. މާލެ އަތޮޅުގެ އެހެން ރަށްތަކަށް ބަލާލާއިރު، ގުރައިދޫގައި 12 ގެސްޓްހައުސް، ދިއްފުށީގައި 11 ގެސްޓްހައުސް، ހުރާގައި 9 ގެސްޓްހައުސް، ހިންމަފުށީގައި 6 ގެސްޓްހައުސް، ގުޅީގައި 5 ގެސްޓްހައުސް، ގާފަރުގައި 4 ގެސްޓްހައުސް ވަނީ ހުޅުވާފައެވެ.

މާލެ އަތޮޅަށްފަހު އެންމެ ގިނަ ގެސްޓްހައުސް ހުޅުވާފައިވަނީ އއ އަތޮޅުންނެވެ. އއ އަތޮޅުގައި 66 ގެސްޓްހައުސް ވަނީ އަލުން ހުޅުވާފައެވެ. އއ އަތޮޅުން އެންމެ ގިނަ ގެސްޓްހައުސް ހުޅުވާފައިވަނީ 29 ގެސްޓްހައުސް ހުޅުވާފައިވާ ތޮއްޑޫގައެވެ. އަދި އުކުޅަހުގައި 14 ގެސްޓްހައުސް ހުޅުވާފައިވާއިރު، ރަސްދޫގެ 10 ގެސްޓްހައުސްއެއް އަލުން ވަނީ ހުޅުވާފައެވެ.

މާލެ އަތޮޅާއި އއ އަތޮޅަށްފަހު، ދެން އެންމެ ގިނައިން ގެސްޓް ހައުސް ހުޅުވާފައިވަނީ އދ އަތޮޅުގައެެވެ. އދ އަތޮޅުގެ 32 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެވެ. އަދި ވ އަތޮޅުގައި 24 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެވެ. އެހެން އަތޮޅުތަކަށް ބަލާލާއިރު، ބ އަތޮޅުގައި 12 ގެސްޓް ހައުސް، ފުވައްމުލަކުގައި 8 ގެސްޓް ހައުސް، އައްޑޫ ސިޓީގައި 6 ގެސްޓް ހައުސް އަދި ހއ އަތޮޅުގައިވެސް 6 ގެސްޓްހައުސް ވަނީ ހުޅުވާފައެވެ. ހދ، ލ، އަދި ގދ އަތޮޅުގައި 2 ގެސްޓް ހައުސް ހުޅުވާފައިވާއިރު، ށ، ނ، ފ އަދި ތ އަތޮޅުގައި ހުޅުވާފައިވަނީ އެންމެ ގެސްޓްހައުސްއެކެވެ.

މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ގެސްޓްހައުސްތައް އަލުން ހުޅުވަމުންދާއިރު، ގެސްޓްހައުސްތަކުން އަމަލުކުރަންޖެހޭ ގައިޑްލައިންތަކެއް ވަނީ އެކުލަވާލާފައެވެ. އަދި ގައިޑްލައިންތަކަށް އަމަލުކުރޭތޭ ބެލުމަށް ޓުއަރިޒަމް މިނިސްްޓްރީން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.