ވިޔަފާރި

ބޭރު ފައިސާ ގަނެ ވިއްކާ ވިިޔަފާރިތަކަށް އަހަރީ ފީ ފަސޭހައިން ދެއްކޭނެ އިންތިޒާމެއް


ބޭރު ފައިސާ ގަނެވިއްކާ ވިިޔަފާރިތަކުން، އަހަރީ ފީ ފަސޭހައިން ދެއްކޭނެ އިންތިޒާމެއް އެމްއެމްއޭއިން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވީ، މިއަހަރަށް ދައްކަންޖެހޭ މަނީ ޗޭންޖަރުންގެ އަހަރީ ފީ އެމްއެމްއޭގެ ޕޭމަންޓް ޕޯރޓަލް މެދުވެރިކޮށް މިހާރު ދެއްކޭނެ ކަމަށެވެ. މީގެކުރިން މަނީ ޗޭންޖަރުންގެ އަހަރީ ފީ އެމްއެމްއޭއިން ބަލައިގަންނަމުން އައިސްފައިވަނީ ނަގުދު ފައިސާއިންނެވެ.

އެމްއެމްއޭއިން ވިދާޅުވީ އެ އޮތޯރިޓީން މަނީ ޗޭންޖަރުންގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުން އަންނަ މާރޗުމަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭ ޕޯޓަލް މެދުވެރިކޮށް މިއަހަރުގެ ފީ ދައްކައި ނިންމަންޖެހޭނެކަމަށެވެ. ރާއްޖޭގައި މަނީ ޗޭންޖަރުންގެ ޙިދުމަތް ދިނުމަށް، 300 އަށްވުރެ ގިނަ ފަރާތަކުން ލައިސެންސް ނަގާފައިވާ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

އެމްއެމްއޭއިން ވަނީ މިދިޔަ އޯކްޓޫބަރުމަހު ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް ދިނުން ވަގުތީގޮތުން ހުއްޓާލާފައެވެ. އެމްއެމްއޭއިން އޭރު ވިދާޅުވެފައިވަނީ، ރާއްޖޭގެ އާބާދީއާއި އަޅާބަލާއިރު ގިނަ އަދަދެއްގެ ވިޔަފާރިތަކަކަށް ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް އެ އޮތޯރިޓީން ދޫކޮށްފައިވާކަމަށެވެ. އެހެންކަމުން ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.