ކުޅިވަރު

ޗެލްސީ އާއި ފުލަމް ބައްދަލުކުރި މެޗް ޗެލްސީ ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ފުލަމް ބައްދަލުކުރި މެޗް ޗެލްސީ ކާމިޔާބުކޮށްފިއެވެ. ލަންޑަންއަށް ނިސްބަތްވާ މިދެޓީމްގެ ކުރިމަތިލުން ޗެލްސީ ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންވެސްވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. އަދި ދެޓީމަށްވެސް މިހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވެފައިވެއެވެ. އެގޮތުން ޗެލްސީގެ އޮލިވަރ ޖިރޫ އާއި ބެން ޗިލްވެލް އަދި ޖޭސަން މައުންޓްއަށް ލިބުނު ފުރުސަތު ތަކާއި ފުލަމްގެ އިވާން ކަވަލެއިރޯ އާއި ހެރިސަން ރީޑް އަދި އަބޫބަކުރު ކަމާރާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމެނިކޮށް ފުލަމްއަށް ކުޅޭ އެމެރިކާގެ އެންތަނީ ރޮބިންސަން ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓަރއަށް ނުރައްކާތެރި ފައުލެއް ކުރުމުގެ ސަބަބުންވަނީ ރަތްކާޑު ދައްކާފައެވެ. އަދި މިކަމުގެ ސަބަބުން ދެވަނަ ހާފް އެއްކޮށް ފުލަމް ކުޅުނީ 10 ކުޅުންތެރިންނާއެކު ބޮޑަށް ދިފާއަށް އިސްކަން ދީގެންނެވެ. މިމެޗްގައި ޗެލްސީން ޖެހި ހަމައެކަނި ލަނޑު މެޗް ގެ 78 ވަނަ މިނެޓްގައި ޖަހާދިނީ މައުންޓް އެވެ.

މިއީ އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުން ޗެލްސީ ކުޅުނު 7 މެޗްގެ ތެރެއިން މޮޅުވެވުނު ދެވަނަ މެޗެވެ. މި ކާމިޔާބީއާއެކު ޗެލްސީ މިހާރުވަނީ ޕޮއިންޓް ތާވަލްގެ 7 ވަނައިގައެވެ. އެއީ ކުޅުނު 18 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކުއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ފްރޭންކް ލެމްޕާޑް ހާމަކުރިގޮތުގައި ފުލަމްއަކީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި އަދި ހަމަލާ އުފައްދާއިރު ނުރައްކާ ކުރާ ޓީމެއް ކަމުގައެވެ. މީގެ މަހެއްހާ ދުވަސް ކުރިން އޭނާގެ ޓީމް ދިޔައީ ވަރަށް ރަނގަޅަށް ކުޅެމުން ކަމަށާއި ނަމަވެސް މިހާރު މިދަނީ ތަންކޮޅެއް އުނދަގޫ މަރުހަލާއެއް ކަޑައްތު ކުރަމުން ކަމުގައިވެސް ލެމްޕާޑް ހާމަކުރިއެވެ. އެގޮތުން ކޮންމެ ޓީމަކަށްވެސް ފޯމްގެ މައްސަލަ ދިމާވާ މަރްހަލާ ކުރިމަތިވާނެކަމަށް އޭނާ ހާމަކުރިއެވެ.

ފުލަމްގެ ކޯޗު ސްކޮޓް ޕާކަރ ހާމަކުރިގޮތުގައި ފުރަތަމަ ހާފް ކުޅެމުން ދިޔަ ވަރަކަށް އޭނާގެ ޓީމް ދިޔައީ މެޗްގެ ތެރެއަށް ވަދެވެމުން ކަމަށާއި ކަވަލެއިރޯއަށް ފުރަތަމަ ހާފްގައި ލިބުނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިމެޗްގައި އޭނާގެ ކުޅުން ތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށްވެސް ޕާކަރ ހާމަކުރިއެވެ.