އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި ބައިވެރިވުމަށްޓަކައި މެލްބަންއަށް ދަތުރުކުރި 47 ކުޅުންތެރިޔަކު ކަރަންޓީން ކުރަން ޖެހިއްޖެއެވެ. މި ކުޅުންތެރިން ކަރަންޓީން ކުރަން ޖެހުނީ މި ކުޅުންތެރިން ގޮވައިގެން ދަތުރު ކުރި ދެ ފްލައިޓުން ކޯވިޑް-19އަށް ޕޮޒިޓިވް މީހުން ފެނުމުންނެވެ.
ކަރަންޓީން ކޮށްފައިވަނީ އަބޫދާބީ އާއި ލޮސް އެންޖަލިސްއިން މެލްބަންއަށް ދަތުރުކުރި ދެ ފްލައިޓުގައި ތިބި ކުޅުންތެރިންނެވެ. އެގޮތުން އަބޫ ދާބީން މެލްބަންއަށް ދަތުރުކުރި ފްލައިޓުން ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ. މައުލޫމާތު ލިބޭގޮތުގައި މި ފްލައިޓުން ދަތުރުކުރި މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 2019 ވަނަ އަހަރުގެ ޔޫ.އެސް. އޯޕަން ކާމިޔާބުކުރި ބިއާންކާ އެންޑްރެސްކޫގެ ކޯޗް ސިލްވިއަން ބުރުނެއުއެވެ. އަދި އޭނާވަނީ މިކަމުގެ ސަބަބުން އެފްލައިޓުން ދަތުރުކުރި ކުޅުންތެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށްޓަކައި މައާފަށްވެސް އެދިފައެވެ.
ލޮސް އެންޖަލިސްއިން މެލްބަންއަށް ދަތުރުކުރި ފްލައިޓުން ޕޮޒިޓިވް ވެފައިވަނީ ފްލައިޓްގެ ކްރޫއެއްގެ އިތުރުން ދަތުރުކުރި ކުޅުންތެރިއެއްގެ ޓީމްގައި ހިމެނޭ މީހެކެވެ. މިދެ ހާދިސާއާ ގުޅިގެން މިދެ ފްލައިޓުން ދަތުރުކުރި ހުރިހާ އެންމެންވަނީ ދެ ހަފްތާ ވަންދެން ބޭރަށް ނުނިކުމެވޭ ގޮތަށް ކަރަންޓީން ވާން ޖެހިފައެވެ. އޮސްޓްރޭލިއާ ސަރުކާރުން އޮތީ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމަށްޓަކައި އެޤައުމަށް ދަތުރުކުރާ ކުޅުންތެރިން 14 ދުވަސް ވަންދެން ކަރަންޓީން ވީ ނަމަވެސް ކޮންމެ ދުވަހަކު ފަރިތަކުރުންތަކަށްޓަކައި 5 ގަޑިއިރަށް ބޭރަށް ނިކުމެވޭގޮތަށް އެއްބަސްވެފައެވެ. ނަމަވެސް މި ދިމާވި ހާދިސާއާ ގުޅިގެން މިދެންނެވި 47 ކުޅުންތެރިންނަށް އެ ފުރުސަތުވެސްވަނީ ގެއްލިފައެވެ.
މިކަމުގެ ސަބަބުން އަސަރު ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި އިނގިރޭސިވިލާތުގެ ހެދަރ ވޮޓްސަން އާއި މިމުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ވިކްޓޯރިއާ އަޒަރެންކާ އާއި 2017 ވަނަ އަހަރުގެ ޔޫ.އެސް. އޯޕަން ޗެމްޕިއަން ސްލައޯނޭ ސްޓެފެންސް ހިމެނެއެވެ. މުބާރާތް އިންތިޒާމް ކުރާ ފަރާތުން މިހާރުވަނީ ކަރަންޓީން ކުރަންޖެހިފައިވާ ކުޅުންތެރިންގެ ކޮޓަރިއަށް ޖިމް އިކުއިޕްމަންޓް ފޯރުކޮށްދޭ ގޮތަށް ހަމަޖައްސާފައެވެ.