ވިޔަފާރި

ނަގުދު ފައިސާ އެތެރެކޮށް، ބޭރުކުރާ މިންވަރު ރިޕޯޓްކުރުމުގެ ޤަވާއިދަށް ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށައިފި


ނަގުދު ފައިސާ އެތެރެކޮށް، ބޭރުކުރާ މިންވަރު ރިޕޯޓްކުރުމުގެ ޤަވާއިދަށް ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށައިފިއެވެ.

މިޤަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، ރާއްޖެއަށް ދިހަހާސް ޑޮލަރު ނުވަތަ އެއަށްވުރެ މަތީގެ ޢަދަދަކުން ފައިސާ އެތެރެ ކުރާނަމަ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަމަ ކަސްޓަމްސްއަށް ރިޕޯޓް ކުރަން ޖެހޭނެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މަނީ ލޯންޑްރިންނާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޢަދަދު ދަށްކޮށްފައިވާކަން އެއޮތޯރިޓީން ހާމަކޮށްފައިވަނީ މިދިޔަމަހުގެ 23 ވަނަ ދުވަހުއެވެ. އެގޮތުން ދިހަހާސް ޑޮލަރު ނުވަތަ އެއަށްވުރެ މަތީގެ ޢަދަދަކުން ރާއްޖެއަށް ފައިސާ އެތެރެ ކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަމަ ކަސްޓަމްސްއަށް ރިޕޯޓް ކުރަން ޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. މިބަދަލަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

އެމްއެމްއޭއިން ވިދާޅުވީ ރާއްޖެއަށް ފައިސާ އެތެރެ ކުރުމާއި ފައިސާ ބޭރުކުރުމުގައި ދިވެހި ރުފިޔާއިން ނުވަތަ ބޭރުގެ އެހެން ޤައުމެއްގެ ފައިސާއަކުން ނަމަވެސް، އެ ޢަދަދު ނުވަތަ އެއަށް ވުރެ މަތީގެ ޢަދަދަކުން އެތެރެކޮށް، ބޭރުކުރާނަމަ، ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެ ކަމަށެވެ.

2019ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވެސް ވަނީ ރާއްޖެއަށް ނަގުދު ފައިސާ އެތެރެކުރުމާއި ބޭރުކުރުމުގައި ކަސްޓަމްސަށް ރިޕޯޓްކުރަންޖެހޭ މިންވަރަށް ބަދަލު ގެނެސްފައެވެ. އެގޮތުން އޭރު ކަނޑައަޅާފައިވަނީ ވިހިހާސް ޑޮލަރު ނުވަތަ އެއަށްވުރެ މަތީގެ ޢަދަދަކުން ރާއްޖެއަށް ފައިސާ އެތެރެކުރާނަމަ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަމަވެސް ކަސްޓަމްސްއަށް ރިޕޯޓްކުރަން ޖެހޭ ގޮތަށެވެ.