ކުޅިވަރު

މޮޅުވުމުގެ ސިލްސިލާ ދަމަހައްޓަން ބޭނުންވޭ - ނިޝްތާރު


މޮޅުވުމުގެ ސިލްސިލާ ދަމަހައްޓަން ބޭނުންވާކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުނެފިއެވެ.
ކުލަބް އީގަލްސްގެ މައްޗަށް ގްރީން ސްޓްރީޓްސް ކުރި ހޯދާފައިވަނީ 4 ލަނޑު 1 ލަނޑުންނެވެ.

ގްރީންގެ ކޯޗް އަލީ ނިޝްތާރުބުނީ މޮޅުވުމުގެ ސިލްސިލާއަށް ބޮޅެއް އިތުރު ކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެކަމަށެވެ. މިއީ ގްރީން ސްޓްރީޓްސްއިން ބަލިނުވެ ހަމަކުރި 4ވަނަ މެޗެވެ. ކޮންމެ މެޗެއްގައިވެސް ގްރީންއިން ގޯލް ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރާކަމަށާއި ހަމައެކަނި މަދުވެފައިވަނީ ގޯލް ޖެހުންކަމަށް ނިޝްތާރު ބުންޏެވެ. އަދި ކުލަބް އީގަލްސް މެޗްގައި ގްރީންގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށާއި ހާއްސަކޮށް ކުރިން މެޗްތަކުގައި ލަނޑު ނުޖެހުމުގެ މައްސަލައަށް މިމެޗުން ހައްލެއް ލިބިގެންދިޔަކަމަށް އުއްމީދު ކުރާކަމަށްވެސް ނިޝްތާރު ބުންޏެވެ. މިމެޗްގައި ގްރީންއިން 4 ގޯލް ޖެހުމުން ކުރިއަށް ހުރި މެޗްތަކުގައި ގޯލް ޖެހުމަށް މާ އުނދަގޫ ނުވާނެކަމަށް ގަބޫލް ކުރާކަމަށްވެސް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްރާތު ބުންޏެވެ.

"ގިނަ ގޯލްތައް ޖެހުމަކީ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެކަމެއް. ކުރިއަށް ހުރި މެޗްތަކަށް ނިކުންނައިރު މިކަމުގެ ސަބަބުން ފައިދާ ކުރާނެ. ގްރީންގެ ފޯވާޑް މުނޯޒަކީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. ގޯލް ޖެހުމާއި ގޯލް ޖެހުމަށް މުނޯޒްގެ ފަރާތުން ވަރަށް ބޯޑު އެހީތެރިކަމެއް ލިބޭ. އަދި ޒުވާން ކުޅުންތެރިންގެ ތެރެއިން ޖައިލަމް ކަހަލަ ކުޅުންތެރިން އަދި އެބަތިބި އަންނަން ވެސް. އޭރުންވެސް ޓީމް އިތުރަށް ވަރުގަދަ ވެގެންދާނެ." ގްރީންގެ ކޯޗް އަލީ ނިޝްތާރު ބުންޏެވެ.