ޚަބަރު

ރައީސްގެ އަނބިކަނބަލުންގެ ހާލުކޮޅު މިހާރު ރަގަޅު- ރައީސް އޮފީސް


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ ހާލުކޮޅު މިހާރު ރަގަޅުކަމަށް ރައީސް އޮފީހުން ބުނެފިއެވެ.ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައިގެން ދެވުނު ހަމަލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުންގެ މައިބަދައަށް ލިބިވަޑައިގެންނެވި ގެއްލުމާއި ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން އައިޖީއެމްއެޗްގައި އެކަމަނާ ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެކަމަނާގެ ހާލުކޮޅު ރަގަޅު ނަމަވެސް އަދި ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް ޑޮކްޓަރުން ނާންގަވާކަމަށެވެ.މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ހިނގި ޙާދިސާއަކީ ގަސްތުގައި ބަޔަކު ރާވައިގެން ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ދިން ޙަމަލާއެއް ކަމަށް މިޙާދިސާ ތަޙުޤީޤްކުރުމުގައި ހަރަކާތްތެރިވި ބޭރުގެ ތަޖުރިބާކާރުން އިއްތިފާޤުވެފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އަދި އެކަމާއި ގުޅުހުންހުރި ކަމަށް ބެލެވޭ ދެމީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށްވެސް އެފަރާތުން ވިދާޅުވެފައިވެއެވެ.މިހާދިސާ ހިނގީ ހައްޖުގެ މަތިވެރި އަޅުކަމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންނެވި ލޯންޗްކޮޅު އިއްޒުއްދީން ފާލަމަށް ގާތްކުރަމުން ދަނިކޮށް ލޯންޗުކޮޅުގެ ފަހަތުކޮޅުން އެއްޗެއް ގޮވައިގެންނެވެ.މިހާދިސާގައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން، އިތުރު ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.