ޚަބަރު

ކުލަގަދަ ރަސްމިއްޔާތަކާއެކު އެކުވެނި ސިންތަޓިކް ޓްރެކް ހުޅުވައިފި


ކުލަގަދަ ރަސްމިއްޔާތަކާއިއެކު މާލޭ ކުޅިވަރު އެކުވެނީގައި ތަރައްޤީކުރި ސިންތެޓިކް ޓްރެކް ހުޅުވައިފިއެވެ. އެކުވެނި ޓްރެކް ހުޅުވަމަށް ބޭއްވި ރަސްމިިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

އެކުވެނި ޓްރެކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ފެށީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޚާއްސަ ދުވުމަކުންނެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ މިއަދުން ފެށިގެން ޓްރެކް ޢާންމުންނަށް ހުޅުވާލާނެކަމަށެވެ. ގިނަ ދުވަހަށް ބޭނުން ކުރެވޭނެ ގޮތަކަށް ޓްރެކް ބޭނުންކުރާ މީހުން، އެތަނުގެ ބޭނުން ހިފުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އެކުވެނީގައި ގާއިމްކުރާ ކުޅިވަރު ވަސީލަތްތައް ގާއިމްކުރުން އަދިވެސް ނުނިމޭ ކަމަށެވެ. ދާދިއަވަހަށް އިންޓަރނޭޝަނަލް ފެންވަރަށް ތައްޔާރުކުރާ ނެޓުބޯޅަ ކޯޓާއި، ފުޓުބޯޅަ ދެ ދަނޑާއި، ޓެނިސް ދަނޑުވެސް ހުޅުވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދު ހުޅުވުނު ޓްރެކުގައި އިންޓަރނޭޝަނަލް މުބާރާތް ބޭއްވިގެންދާނެކަމީ ލިބޭ އެންމެބޮޑު ހިތްހަމަ ޖެހުންކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެތުލެޓިކްސްގެ ކުރީގެ ރައީސް މައިޒާން އަލި މަނިކު ވިދާޅުވީ، މިއީ ވަރަށް ގިނަ ދުވަހެއްގެ މަސައްކަތުން ލިބުނު ޓްރެކެއް ކަމަށެވެ. އަދި މިއަދަކީ އެތުލެޓިކްސްގެ ހަޔާތުގައިވެސް އެންމެ ބޮޑު އުފަލެއް ލިބުނު ދުވަހުގެ ގޮތުގައި އަލިބެ ވަނީ ވިދާޅުވެފައެވެ. އަދި މިފެށުނު މަސައްކަތުގައި އަތޮޅު ތެރޭގެ ކުޅީވަރު ވަސީލަތްތައް ތަރައްޤީ ވެގެން ދިއުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެކުވެނި ސިންތެޓިކް ޓްރެކަކަކީ އަވަށްޓެރި އިންޑިޔާގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު ޤާއިމްކުރި ޓްރެކެކެވެ. ޓްރެކް އެޅުމަށް އިންޑިޔާއިން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދުވަނީ އިންޑިޔާ ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޓްރެކު އެޅުމަށް ކުރެވިދިޔަ މަސައްކަތްތަކާ ގުޅޭގޮތުން އެތްލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުޙަންމަދު ޠަލާލް ވިދާޅުވީ މިއީ ރާއްޖޭގެ އެތުލީޓުން ޤައުމުގައި ތިބެ ޓްރެއިނިން ކުރުމަށް ލިބުނު ވަރަށްރަނގަޅު ފުރުސަތެއްކަމަށެވެ. މިއާއެކު އެތުލިޓިކްސްގެ ދާއިރާއިން ޤައުމަށް އިތުރު ރަންވަނަ ހޯދުމަށް އަޒުމް ކަނޑައެޅުމަށް ހުރިހަ އެތުލީޓުންނަށް ޠަލާލްވަނީ ގޮވާލާފައެވެ.


މިރަސްމިއްޔާތުގައި މި ސެންތެޓިކް ޓްރެކް އެޅުމަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވި ފަރާތްތަކަށްވަނީ ހަދާނީ ފިލާ ދެއްވާފައެވެ. އަދި ޓްރެކުގެ ރަމްޒީ މޮޑެލެއް ރައީސް ޞާލިހަށް ވަނީ އަރުވާފައެވެ. މިރަސްމިއްޔާތު ނިމިގެންދިޔައީ އެތުލެޓިކްސް އެސޯސިއޭޝަނާއި، ކްރިކެޓް އެސޯސިއޭޝަނުން އިންތިޒާމުކުރި ޚާއްސަ އިވެންޓުތަކަށްފަހުގައެވެ.